ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މައިކްރޯ ފައިނޭންސިން ޕްރޮޑަކްޓް ތައާރަފްކޮށް، އަންނަ މަހު ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިން އިނިޝިއޭޓިވް (މިސްފީ)ގެ ދަށުން އިއުލާނުކުރި މި ފައިނޭންސިންގެ ދަށުން 100،000 ރުފިޔާއާ ހަމައަށް 2.5 ޕަސެންޓް ރޭޓެއްގައި މާލީ އެހީތެރިކަން ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިއީ ރާއްޖޭގައި މިހާރު ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓުކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ މި ފައިނޭންސިން އަގުހެޔޮކޮށް އަދި ދިގުމުއްދަތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ ކަމަށާއި މި ފައިނޭންސިންއަށް އެޕްލިކޭޝަން ފީއެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި ވިޔަފާރިއެއް ފެށުމަށް ނުވަތަ ވިޔަފާރި ކުރިއެރުވުން ފަދަ އެކި ބޭނުންތަކަށް މި ފައިނޭންސިން އެދި ހުށަހެޅޭނެކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

އަންނަ ޖަނުއަރީ މަހު ބޭންކުގެ ޝަރީއާ ކޮމްޕްލައިންޓް ސަބްސިޑަރީ އެސްއެމްއީ ޑިޖިޓަލްއިން މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މިއީ އެބައެއްގެ ފުރިހަމަ ޕޮޓެންޝަލް އަށް ވާސިލްވުމަށާއި ކުދި ވިޔަފާރިތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ހެދުމަށް ކުރެވޭ އިންވެސްޓްމެންޓެއް. މީގެ ސަބަބުން މުޅި ގައުމަށް އޭގެ ފައިދާލިބި، ވިލުންތެރި އިގްތިސާދެއް ބިނާކުރުމުގައި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރުމަށް މަގުފަހި ވެގެންދާނެ.
ޝަރީފް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އިސްލާމިކް ސޯޝަލް ފައިނޭންސިންގައި އިސްނަގައި، ރާއްޖެއަށް މުޅިން އަލަށް މިފަދަ ޕްރޮޑަކްޓެއް ތައާރަފްކުރެވޭކަމީ ލިބޭ ފަހުރެއް ކަމަށެވެ. އަދި އަމާޒަކީ ހުރިހާ އެންމެންނަށް ވެސް ފަހި ފުރުސަތުތައް ލިބޭނެ ގޮތަށް މާލީ ނިޒާމު ބައްޓަންކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެމްއެލްއިން ބުނީ މި ޕްރޮޑަކްޓަކީ އާންމު އުސޫލުގެ ތެރެއިން ބޭންކުތަކުންދޭ ހިދުމަތްތަކަށް ކުރިމަތިނުލެވޭ ފަރާތްތަކަށާއި އަލަށް ވިޔަފާރި ފަށާ ފަރާތްތަކާއި ބޭންކުތަކުން އާންމުކޮށް ފައިނޭންސިން ހިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އަމާޒުކޮށްފައިވާ ފައިނޭންސިންއެއް ކަމަށެވެ. އަދި ޝަރީއާ ކޮމްޕްލައިންޓް ހަމަތަކުގެ މަތިން ދެވޭ މި ފައިނޭންސިންއާއެކު މުޖުމަތައަށް ބޭނުންވާ ތަފާތު އެކި ކަންކަން ފުރިހަމަކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ފަރުދުންނާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާވެ، ރަސްމީ ބޭންކިން ދާއިރާއާ ދެމެދުގައިވާ ހުސްކަން ފޫބައްދައިދޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.