ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކޮށް، އެ ރަށުގައި އާ ހޮސްޕިޓަލެއް އިމާރާތްކުރުމަށް ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އާއެކު 3 މިލިއަން ކުވައިތީ ދީނާރު (ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނު އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި ކުވެއިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިންގް ޑިރެކްޓާ ޖެނެރަލް ރަޝައިދު އަލްބަދަރްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ އިތުރުން ދެ ފަރާތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ތ. އަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސެކަންޑަރީ ސިއްހީ ހިދުމަތް ލާމަރުކަޒީ އުސޫލުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި މަޝްރޫއުގެ ސަބަބުން ބޭސް ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި ހަރަދުތައް ކުޑަވެގެންދާނެ ކަމަށާއި، މި ހިދުމަތްތަކުގެ ފައިދާ އެ އަތޮޅުގެ ރައްޔިތުންނާއި އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ލިބިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަސަން ޒަރީރު ވަނީ، ރާއްޖޭގެ ތަރައްގީއަށް ކުވެއިތު ފަންޑުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ހަމައެކަނި އިމާރާތެއް އެޅުމަށް ވެވުނު އެއްބަސްވުމެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ގައުމުގެ މުސްތަގްބަލަށްޓަކައި ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވިއެވެ. މި މަޝްރޫއު ހަމަޖެހިފައިވަނީ ކުވެއިތު ފަންޑުން ރާއްޖެއަށް ކަނޑައަޅާފައިވާ އަހަރަކު 10 މިލިއަން ޑޮލަރުގެ ކަންޓްރީ ލިމިޓްގެ ދަށުންނެވެ.

ކުވެއިތު ފަންޑުގެ އެކްޓިންގް ޑިރެކްޓާ ޖެނެރަލް ރަޝައިދު އަލްބަދަރް ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެ ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ރާއްޖެއަށް އެ ފަންޑުން ދޫކުރި 15 ވަނަ ލޯނު ކަމަށާއި، މިހާތަނަށް 185 މިލިއަން ޑޮލަރުގެ ލޯނާއި 5.7 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވޭމަންޑޫގައި ހޮސްޕިޓަލު އެޅުމަށް ލޯނު އެއްބަސްވުމުގައި ސޮއިކުރަނީ

މީގެއިތުރުން، އެ ބައްދަލުވުމުގައި އަލްބަދަރް ވިދާޅުވީ އަންނަ އަހަރުން ފެށިގެން ރާއްޖޭގެ އެނުއަލް ކަންޓްރީ ލިމިޓު 10 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެ ފަންޑުން ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުން އެދިފައިވާ ގޮތަށް، އަންނަ އަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއަށް ފައިނޭންސް ކުރުމުގެ މަޝްވަރާތަކާއި ތައްޔާރީތައް މިހާރުން ފެށިގެން ފައްޓަވާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.