ބީއެމްއެލް އިންޓާަންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިޔައިފި
ބޭންކް އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ހުޅުވާ އިންޓާންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް ހާއްސަ ރަސްމިއްޔާތެއްގައި މަރުހަބާ ކިޔައިފިއެވެ.
ބީއެމްއެލް އިން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ ގްރެޖުއޭޓް އިންޓާންސް އަދި ޓެކްސްޓާޓް އިންޓާންސް ހިމެނޭހެން 25 އިންޓާންސްއަށް މަރުހަބާ ކިޔާފައެވެ. ޓެކްސްޓާޓް އިންޓާންޝިޕަކީ އައިޓީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މިއަހަރު އަލަށް ތައާރަފްކުރި ކެޓަގަރީއެއް ކަމަސް ބީއެމްއެލް އިން ބުނެއެވެ.
މި އިންޓާންޝިޕްގައި 12 މަހުގެ ޕްރޮގްރާމްގައި ބައިވެރިންގެ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ބައިވެރިންނަށް ދިނުމަސް ވަނީ ހަމަޖެހިފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލި ބައިވެރިންގެ ގްރެޖުއޭޝަން ވެސް ވަނީ ބާއްވާފައެވެ. މީގެ ތެރެއިން ބައެއް ބައިވެރިންނަށް ވަނީ ބޭންކުގައި ދާއިމީ ވަޒީފާގެ ފުރުސަތު ވެސް ދީފައެވެ.
2018 ވަނަ އަހަރު ފެށި ބީއެމްއެލް އިންޓާންޝިޕް ޕްރޮގްރާމުން މިހާތަނަށް 77 ދަރިވަރުންނަށް ތަޖުރިބާގެ ފުރުސަތު ވަނީ ފަހިކޮށް ދީފައެވެ.
