ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ "ފަތުވާ މަހާސިންތާ"ގެ ދެވަނަ މަހާސިންތާ މިރޭ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
ފަތުވާ މަހާސިންތާ ކުރިއަށް ގެންދަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެންނެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ މި މަހާސިންތާގެ މަގުސަދަކީ ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
ދިވެހިރާއްޖޭގައި ދީނީގޮތުން ހިޔާލު ތަފާތުވާ މައްސަލަތައް ދެނެގަތުމާއި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ހިޔާލު ހޯދާ މަޝްވަރާކުރުމާއި އެކަންކަމުގައި ގުޅުންހުރި ފަރާތްތައް އެކުގައި މަސައްކަތްކޮށް މުޖުތަމައު އިސްލާހު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުމަށް މި މަހާސިންތާގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ މި މަހާސިންތާ ކުރިއަށް ގެންދަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭހެން ކަމަށެވެ. އަދި މި ޕެނަލް ޑިސްކަޝަންތަކުގައި ދިވެހިރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ބައިވެރިވާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ފަތުވާ މަހާސިންތާއެއް ބާއްވާފައެވެ. އެ މަހާސިންތާގައި މުހިއްމު ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކޮށްފައިވެއެވެ.
