އަލަށް ތަރައްގީ ކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓާމިނަލް ހުންނަން ޖެހޭ ވަރަށް ވުރެ މާ ފިނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއާޕޯޓުގައި ފިނިހޫނު މިން ހުންނަނީ 15 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ. އަދި މިއީ މާ ބޮޑަށް ފިނިވެފައި، އިސްރާފު ބޮޑު ގޮތެއް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ 20 އާއި 25 ޑިގްރީ ސެލްސިއަސްއާ ދެމެދު އެއާޕޯޓުގެ ފިނި ހޫނުމިން ބެހެއްޓުމަކީ ރަނގަޅު ގޮތް ކަމަށެވެ.

ނަޝީދުގެ އެ ޕޯސްޓަށް ބައެއް މީހުން ކުރި ކޮމެންޓުތަކުގައި ވެސް ވަނީ، އެއާޕޯޓުގައި މާ ބޮޑަށް ފިނި ގަދަ ކަމަށް ބުނެފައިވާއިރު ވީއައިއޭގެ އާ ޓާމިނަލް ތަރައްގީކޮށް ހުޅުވީ މިދިޔަ ޖުލައި 26ގަ އެވެ.

ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް މަޝްރޫއުގެ ތެރޭގައި ހިމެނޭ ވީއައިއޭ އަކީ ޒަމާނީ ގިނަ ވަސީލަތްތަކާއެކު، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.