ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނިންމި ނިންމުމުގެ ސަބަބުން ރުޅިވެރިކަން އިތުރު ވިޔަނުދިނުމަށް އެންމެން ބާރުއަޅާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން ރޭ އާންމު ކުރި އިންތިހާބުގެ ވަގުތީ ނަތީޖާ ހިއްސާކުރައްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ހުޅުދޫ އާއި މީދޫން ވޯޓުދިން މީހުންގެ ބޮޑު އައުލަބިއްޔަތެއް ވޯޓުދިނީ ވަކި ކައުންސިލެއް އޮވެ ސިޓީން ވަކިވާން ކަމަށެވެ. ފޭދޫ ރައްޔިތުންގެ ނިންމުމަކީ ހިކުމަތްތެރި ނިންމުމެއްގެ ގޮތުގައި ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ ހުޅުދޫ އާއި މީދޫ އަމިއްލަ މިނިވަންކަމުގައި ކުރިއަށްވުރެ ތަރައްގީވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ފެނޭތޯ ބެލުމަށް، ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނައިރު މިއީ އައްޑޫ ބައިބައިކޮށްލުމަށް ސަރުކާރުން ނިންމި ނިންމުމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

މި އިންތިހާބުގައި ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އާއި ހޯމް މިނިސްޓަރު އަލީ އިހްސާން ފޭދޫއަށް ވަކި ކައުންސިލެއް ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް މި އިންތިހާބުގައި ފޭދޫ އިން ވަކި ކައުންސިލެއް ހަދަން ނުފެންނަކަމަށް ވަނީ ނިންމާފައެވެ.