އަލީބާބާގައި "ސެލާ އެކައުންޓްސް" ހުޅުވުމުގައި ހުރި ދަތިތަކަށް ހައްލު ހޯދަދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވި އަލީބާބާގެ ވެބިނާއާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިވަން ވިޔަފާރީގެ ފުރިހަމަ ނަތީޖާ އަދި ފުރުސަތުތައް ފަހިކުރުމުގައި ދުނިޔޭގެ އެންމެބޮޑު އެއް އީކޮމާސް ޕްލެޓްފޯމް ކަމުގައިވާ އަލީބާބާ އާއެކު ކުރިއަށްގެންދިޔަ މަޝްވަރާގައި ގިނަ އަދަދެއްގެ ދިވެހި ވިޔަފާރިވެރިން ބައިވެރިވިކަން ސައީދުގެ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.

އެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިރާއްޖެއިން ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުގެ މާކެޓަކަށް އެކްސެސްލިބޭނެ ކަމަށާއި އެއީ 40 މިލިއަން (އެކްޓިވްބަޔާސް) މުދާ ގަންނަ ފަރާތްތައް ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެކަމަށް ޝައުގުވެރިވާ ފަރާތްތައް ގިނަކަން ފާހަގަކޮށް ރާއްޖޭގެ ޕްރޮޑަކްޓްސް ލިސްޓުކުރުމިގައި އެކުގައި މަސައްކަތްކޮށްދޭން އަލިބާބާއިން އެއްބަސްވެފައިވުމަކީ ލިބިގެންދާ ކާމިޔާބެއް ކަމަށެވެ. އަދި އެފަދަ ޕްލެޓްފޯމްތަކުގައި ސެލާ އެކައުންޓްސް ހުޅުވުމުގައި ދިމާވާ ދަތިތައް ހައްލުކޮއްދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.