އަމިއްލަ ފަރާތަތްކުން މިސްކިތް ބިނާ ކުރުމަށް ބިން ދޫކުރާ ސިޔާސަތު އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، ވޭތުވެ ދިޔަ އަހަރުތަކުގައި އަމިއްލަ ފަރާތްތަކުން މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި އަދި މަސައްކަތް ނުނިންމާ އެތައް އަހަރެއް ފާއިތު ވަމުންދާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ރައްޔިތުން ނަމާދުކުރުމަށް އެކި ސަރަހައްދުތަކުގައި ނުހަނު ތަކުލީފުތަކެއް އުފުލަމުންދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެކަމަށް ހައްލު ހޯދުމަށް ކުރިއަށް އޮތްތަނުގައި އަމަލު ކުރުމަށް މިނިސްޓްރީން ހާއްސަ ސިޔާސަތު ތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން އެ ސިޔާސަތުތަކުގެ ތެރޭގައި މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް 2 އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމުގެ އިތުރުން ބިން ދޭތާ 6 މަސްދުވަހުގެ ތެރޭ އަމަލީ މަސައްކަތް ފެށުމަށް ވަނީ ލާޒިމް ކޮށްފައެވެ. އަދި މި މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ވެސް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ސިޔާސަތުތަކުގެ ތެރޭގައި:

  • އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގުން
  • އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން ނުކުރުން
  • މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ހަވާލުކުރުން
  • ⁠މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުން ހިމެނެއެވެ.

މިސްކިތް ބިނާ ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ބިން ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއާއެކު މިސްކިތް ބިނާކުރުމަށް ޝައުގުވެރިވާ ފަރާތްކަށް، އެކަމަށް ބޭނުންވާ ބިމާއި އަދި ބޭނުންވާ އިދާރީީ އެހީތެރިކަން ފޯރުކޮށްދީ އެކަން ކުރުމަށް ފަސޭހަތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ މެދުވެރިކޮށް ދަނީ ހަމަޖައްސާދެމުންނެވެ. އެގޮތުގެ މަތިން ހުސްވި އަހަރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި މިސްކިތް ބިނާކުރުމަށް އެދުނު ގިނަ ފަރާތްތަކަކަށްއެ ފުރުސަތު ވަނީ ދީފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތައް ވަރަށް ގިނަ އެވެ. އަދި މިފަދަ އިތުރު މަޝްރޫއުތަކެއްގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށް އެބަދަ އެވެ.