މީޑިއާ ރެގިއުލޭޓް ކުރާ ބިލާ ގުޅިގެން އިއްޔެ ނޫސްވެރިން ކުރި އިހުތިޖާޖުގައި އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި މުޒާހަރާ ކުރަމުން ދިޔައީ ގްރީން ޒޯނެއްގައި ކަމުން ނޫސްވެރިން ދުރަށް ޖެއްސީ ނަސޭހަތާއި އިންޒާރު ދިނުމަށްފަހު ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ އެ ބިލު ތަސްދީގު ނުކުރުމަށް ގޮވާލައްވަނީ ކުރީގެ ލިޔުންތެރިއެއްގެ ހައިސިއްޔަތުންނާއި ކުރީގެ "ގައިދީއެއްގެ" ހައިސިއްޔަތުން ކަމަށެވެ. އެމަނިކުފާނު އިލްތިމާސް ކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިއާ ބިލު ތަސްދީގު ނުކުރެއްވުމަށް ނަޝީދު ގޮވާލެއްވިއެވެ.
ހަމައެއާއެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ސަރުކާރަކުން ހަނިކުރާ ކޮންމެ ފަހަރަކު، އެ ގައުމެއްގެ މިނިވަންކަން ކުޑަވެ، ފުދުންތެރިކަން ދަށްވެގެން ދިޔުމަކީ ނުވެ ނުދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ އިހުތިޖާޖުން ހައްޔަރު ކުރި ނޫސްވެރިން ދޫކޮށްލުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
ނަޝީދު ކުރެއްވި ޕޯސްޓަށް ރައްދު ދެއްވަމުން އިހުސާން ވަނީ އެ އިހުތިޖާޖާ ގުޅިގެން އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ނޫސްވެރިން މުޒާހަރާ ކުރީ ގްރީން ޒޯން ނުވަތަ މުޒާހަރާވއާއި އެއްވުންތައް ނުބޭއްވޭ ސަރަހައްދުތަކުގައި ކަމުން އެ ސަރަހައްދުން ދިއުމަށް ފުލުސް އޮފިސަރުން ވަނީ ތަކުރާރުކޮށް ނަސޭހަތް ދީ އިންޒާރު ވެސް ދީފައި ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އިންޒާރު ދިނުމުން ވެސް އެއަށް ނޫސްވެރިން އަމަލު ނުކުރުމުން އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބޭރުކުރުމަށް ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިއްޔެ މީޑިއާ ރެގިއުލޭޓް ކުރާ ބިލާ ދެކޮޅަށް ފުރަތަމަ ނޫސްވެރިން އިހުތިޖާޖު ކޮށްފައި ވަނީ ރައްޔިތުން މަޖިލިސް ދޮށުގައެވެ. އެ އިހުތިޖާޖުކޮށްކޮށް ހުއްޓައި އެ ބިލު ވަނީ މަޖިލީހުގެ ތަޅުމުން ފާސްކޮށް ކޮމިޓީއަށް ފޮނުވާލާފައެވެ. އެއަށްފަހު ނޫސްވެރިން ވަނީ ރައީސް އޮފީސް ކައިރީ އިހުތިޖާޖުކޮށްފައެވެ. އެއަށްފަހު މުލިއާގެ ކައިރީގައި ވެސް ނޫސްވެރިން ވަނީ ރައީސް ބައްދަލު ކުރުމަށް ގޮވާލައި އިހުތިޖާޖުކޮށްފައެވެ.
މި އިހުތިޖާޖާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުތުން ނެރުނު ބަޔާނުގައި ވެސް ބުނެފައި ވަނީ އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. އަދި ނޫސްވެރިންނަށް ގްރީން ޒޯނުން ދިއުމަށް އިރުޝާދު ދިން ކަމަށެވެ. ޑިމޮކްރެޓިކް މުޖުތަމައެއްގައި އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމާއި މީޑިއާއަކީ މުހިންމު ރޯލެއް އަދާކުރާ ބައެއްކަން ގަބޫލުކުރާ މަށާއި ގާނޫނާއި ގަވާއިދުގެ ތެރެއިން އެއްވުންތަކާއި މުޒާހަރާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބަޔާފައި ވެއެވެ.