ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެ ކުންފުނީގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ވަނީ މިއަދު އެ ކުންފުނީގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ މާލީ ރިޕޯޓަށް ބަލާއިރު، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.48 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 7 ޕަސެންޓްގެ ދަށްވުމެކެވެ. އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލުތަކާ ގުޅިގެން މި ކުއާޓަރުގައި ތެލުގެ އަގު ދަށްވުމެވެ. ނަމަވެސް، ތެލުގެ އަގު ދަށްވި ނަމަވެސް، ކުރީ ކުއާޓަރާ އަޅާބަލާއިރު ވިކުނު ތެލުގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން، މި ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 738 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެއިތުރުން، ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 400 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 23 ޕަސެންޓްގެ ބޮޑު ކުރިއެރުމެކެވެ. މި ކުރިއެރުން ލިބުނު މައިގަނޑު ސަބަބަކީ އެ ކުންފުނީގެ މެޑިކަލް ސެގްމަންޓް ރީސްޓްރަކްޗާ ކުރުމާ ގުޅިގެން ހަރަދުތައް ކުޑަކުރެވުމާއި، ޖުމްލަ ގޮތެއްގައި ކުންފުނީގެ އެހެނިހެން ހިންގުމުގެ ހަރަދުތައް ވެސް ވަރަށް ބޮޑަށް ކުޑަކުރެވިފައި ވުމެވެ.

ޖުމްލަ އާމްދަނީ ދަށްވި ނަމަވެސް، އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ސާފު ފައިދާ ވަނީ 352 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ އޭގެ ކުރީ ކުއާޓަރަށްވުރެ 5 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާއަކީ 281 މިލިއަން ރުފިޔާއެވެ.