ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމާއި އިގްތިސޯދީ ދުވެލި ހަމަމަގަށް އެޅުވުމަށާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އަމާޒުކޮށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މި ބަޖެޓަކީ ޖުމްލަ 59,704.4 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43,158.1 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ޑެފިސިޓް ބަޖެޓެކެވެ.

މިއަދު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު ހަރަދެއް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށެވެ. އެގޮތުން ސިއްހަތަށް 10,623.8 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ އިގްތިސޯދީ އަދި ސިނާއީ ދާއިރާއަށެވެ. އެ ދާއިރާއަށް 9,825 މިލިއަން ރުފިޔާ ވަނީ ޚާއްޞަކޮށްފައެވެ.

މި ފަހަރުގެ ބަޖެޓުގެ މައިގަނޑު ސިޔާސަތަކީ އައު މަޝްރޫއުތައް ތައާރަފުކުރުމަށްވުރެ ބޮޑަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކާ ގުޅޭ މަޝްރޫއުތަކުގެ 70 ޕަސެންޓް ނިންމައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ 2,535 އެއްހާ މަޝްރޫއުގެ ތެރެއިން 629 މަޝްރޫޢެއްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ބަޖެޓުގެ މައިގަނޑު ފޯކަސް ހުންނާނީ ބާކީ ހުރި މަޝްރޫއުތައް ނިންމުމަށެވެ.

ދައުލަތުގެ މާލީ ހާލަތު ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށްޓަކައި 2028 ވަނަ އަހަރުގެ ނިޔަލަށް ހާސިލުކުރަން ކަނޑައަޅާފައިވާ ފިސްކަލް މުހިންމު އަމާޒުތަކެއްވެސް ވަނީ އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އޯވަރޯލް ބެލެންސް ޑެފިސިޓް، ޖީޑީޕީގެ ނިސްބަތުން 5 ޕަސެންޓަށް ދަށްކުރުން.
  • ދައުލަތުގެ ޖުމްލަ ދަރަނި، ޖީޑީޕީގެ ނިސްބަތުން 117 އިންސައްތައަށް ކުޑަކުރުން.
  • ޕީއެސްއައިޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) ހަރަދު، ޖީޑީޕީގެ ނިސްބަތުން 7 ޕަސެންޓަށް ދަށްކުރުން.
  • ދައުލަތުގެ އާމްދަނީގެ ނިސްބަތުން އިންޓްރެސްޓް ހަރަދު 12 ޕަސެންޓަށް ވުރެ މަތިނުވާނޭހެން ހިފެހެއްޓުން.
  • ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި، ޖީޑީޕީގެ ނިސްބަތުން 15 ޕަސެންޓަށް ކުޑަކުރުން

2027 ވަނަ އަހަރަށް ހުށައެޅި ބަޖެޓަކީ އިގްތިސޯދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓްމަންޓްތަކަށް އިސްކަންދީގެން، ގައުމީ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެކުލަވައިލާފައިވާ ބަޖެޓެއްކަމަށް ހަސަން ޒަރީރު ވިދާޅުވިއެވެ.