ބޮޑުތަކުރުފާނު މަގުން ބައެއް ހަތަރު ލޭން މަގަކަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މިއީ 455 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި މިއީ 144 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއެކު، 830 މީޓަރުގެ މަގުގައި ތާރު އެޅުމުގެ އިތުރުން ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. އަދި ރޯޑް މާކިން އާއި ސައިން ބޯޑު ހަރުކުރުންވެސް ހިމެނޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލެގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ސަރަހައްދަކީ ކާރޫބާރު ބޮޑު ސަރަހައްދެެކެވެ. މުދާ އުފުލާ އުޅަނދުތައް އާންމުކޮށް ވަދެ ނިކުމެ ހަދާ އެ ސަރަހައްދުގައި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓް ވެސް ހިމެނޭ ސަރަހައްދު ކަމުން އެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވާ ވަގުތުތައް ގިނައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި މަޝްރޫއުއާ ގުޅިގެން އަންނަ އޮކްޓޫބަރު މަހުގެ 13 އާ ހިސާބަށް މަގާއި ފަޅު ބަންދުވާނެއެވެ.