ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖު މަޝްރޫއުގެ 71.6 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ މިނިސްޓްރީން ބުނީ، މުޅި ބްރިޖުގެ 71.60 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރަމުންދަނީ ބްރިކް ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.
ބްރިޖް ޑެކްއަށް ބޭނުންވާ 1222 ސެގްމަންޓްސްގެ ތެރެއިން މިހާތަނަށް 84 ޕަސެންޓް ސެގްމަންޓްސް ކާސްޓްކޮށް ވަނީ ނިމިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި 54 ޕަސެންޓް ސެގްމަންޓްސް އިންސްޓޯލްކޮށް ވަނީ ނިމިފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ގުޅިފަޅުގައި މިވަގުތު ކުރިއަށްދަނީ ބްރިޖާ ގުޅިގެން ތަރއްގީކުރާ މަގުގެ މަސައްކަތެވެ. އަދި ތިލަފުށީގައި މިވަގުތު ކުރިއަށް ދަނީ ބްރިޖާއި ގުޅިގެން ތިލަފުށީގައި ޖެހުމަށް ހަމަޖެހިފައިވާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި ކަލްވާޓްސް ހަރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
120 އަހަރުގެ އުމުރުގެ މި ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހަދާ އިރު، މި މަޝްރޫއު އެފްކޯންސް ކުންފުންޏާ ހަވާލުކޮށްފައި ވަނީ 500.20 މިލިއަން ޑޮލަރަށެވެ.
މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.
ނިމިދިޔަ ސަރުކާރުން ފެށި ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ލަސްވެ އެތައް ބައެއްގެ ޝަކުވާތައް ކުރަމުން ދިޔަ އިރު، ނޮވެމްބަރު 16، 2023 ގައި ނިމިދިޔަ ސަރުކާރުން ވަނީ އެފްކޯންސް ކުންފުންޏާ އެކު ސަޕްލިމަންޓަރީ ބަޖެޓެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުން ދައްކާ ގޮތުގައި މުޅި ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނާ ތާރީހަކީ ސެޕްޓެމްބަރު 30، 2026 ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.
