މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގައި އަމަލުކުރަމުންދާ އުސޫލަށް ބަދަލުގެނެސް، މާލޭގައި ރަށްވެހިވިތާ އެއް އަހަރު ނުވާ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ހާމަކުރި ގޮތުގައި، މާލެއަށް ރަށްވެހިކަން ބަދަލުކުރި މީހުންގެ ތެރެއިން ކުރިން ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލެވެނީ މާލޭގައި ރަށްވެހިވިތާ އަހަރެއްވީ މީހުންނަށް އެކަނި ކަމަށް އޮތް އޮތުން މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު، މާލޭގައި ރަށްވެހިވެފައިވާތާ އެއް އަހަރަށްވުރެ ކުރު މުއްދަތެއް ވެފައިވާ ފަރާތްތަކަށް ވެސް މިހާރު ފޯމު ހުށަހެޅޭނެއެވެ.
ނަމަވެސް، މި ފުރުސަތު ލިބިގެންދާނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓެގަރީއަށް ޝަރުތުހަމަވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި ބަދަލާ ގުޅިގެން ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކަށް އެޕްލައިކުރާ ފޯމަށް ވެސް މިހާރު ބަދަލު ގެނެވިފައިވާ ކަމަށެވެ.
މީގެ ބޭނުމަކީ މާލޭގައި ގިނަ ދުވަހު ދިރިއުޅެ، ނަމަވެސް ރަށްވެހިކަން ބަދަލުކުރިތާ ކުރު މުއްދަތެއް ވުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ ފުރުސަތުން މަހުރޫމްވެފައިވާ ފަރާތްތަކަށް އިންސާފުވެރި ފުރުސަތެއް ހޯދައިދިނުމެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެއްވެސް ރައްޔިތަކު ބޯހިޔާވަހިކަމުން މަޙްރޫމް ނުކޮށް، އެންމެންނަށް އަމާން ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ފާހަގަކުރެއެވެ.
މާލޭގައި ރަށްވެހިވިތާ އަހަރެއް ނުވިޔަސް ގޯއްޗާއި ފުލެޓަށް ލެވޭ ގޮތަށް ހެދިއިރު، ގޯއްޗާއި ފުލެޓަށް އެދި މި މަހުގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން 7،900 ފުލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ޖުމްލަ 7،900 ފުލެޓުގެ ތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފުލެޓު ދިނުމަށާއި، ބާކީ 2،400 ފުލެޓު ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީތަކަށް ދިނުމަށް ވަނީ ނިންމައިފައެވެ.
