ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދޫކުރަމުންދިޔަ ނަމަވެސް، މަގުތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމުގައި މާލެ ސިޓީ ކައުންސިލާ، އައްޑޫ ސިޓީ ކައުންސިލް ފެއިލްވެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި، މިނިސްޓަރު މިފަދައިން ވިދާޅުވީ އައްޑޫ ލިންކް ރޯޑުގެ މަސައްކަތާ ގުޅޭގޮތުން މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އައްޑޫ ލިންކް ރޯޑްގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، އެ ކުންފުނިން ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
އައްޑޫ ލިންކް ރޯޑާއި އެހެނިހެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް 829 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެއް އާރުޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ 22 އަހަރު ކުރިން ހަދާފައިވާ ލިންކް ރޯޑު މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެ، ދުއްވާ އުޅަނދުފަހަރަށާއި މީހުންނަށް ނުރައްކާވާ މިންވަރަށް ވީރާނާވެފައެވެ.
އައްޑޫގެ މަގުތަކުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަށްރަށާއި ސިޓީތަކުގެ މަގުތަކުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމަކީ ސަރުކާރުގެ ވުޒާރާތަކުގެ ޒިންމާއެއް ނޫން ކަމަށެވެ. އެއީ ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ކައުންސިލްތަކުގެ ސީދާ ޒިންމާއެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މާލޭގެ މަގުތަކުގެ މައްސަލަތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވަނީ މާލޭ ސިޓީ ކައުންސިލަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި މަގުތައް ހަލާކުވުމުން އެކަންކަން ހައްލުކޮށްދޭން ޖެހެނީ ވެސް މަރުކަޒީ ސަރުކާރުންކަން ފާހަގަކުރައްވައި، ކައުންސިލަށް ދޫކުރާ ބަޖެޓުގެ ބޭނުމަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
"މަގެއް ހަލާކުވީމާ މަގަކަށް ކަމެއް ވީމާ ވެސް ދައުލަތުން މި ޖެހެނީ އެކަން ކޮށްލައިދޭން. ކޮބައިތޯއޭ ދައުލަތުން އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލަށް ދިނީމާ އޭގެ ފައިދާއެއް ކޮބައިތޯއޭ؟ ކައުންސިލުން ހަމައެކަނި ތިބެންވީތޯއޭ ރައްޔިތުންނާ ވާހަކަދައްކާ ބައެއްގެ ގޮތުގައި؟ ކޮންކަމެއްތޯއޭ ކުރަނީ؟" މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު މުއްތަލިބު މި ދެ ކައުންސިލަށް ފާޑުވިދާޅުވެފައިވާ އިރު، މާލެ އަދި އައްޑޫ ސިޓީ ކައުންސިލަކީ ވެސް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ދެ ކައުންސިލެވެ.
