ބ. ގޮއިދޫ އަތޮޅު އެތެރެވަރި ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރުމަށް ވުރެ ގެސްޓުހައުސް ވިޔަފާރިން ރަށަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ގޮއިދޫއަށް ވަޑައިގެން، އެރަށު ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ ބިޑު އެވޯޑުކޮށްފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ގޮއިދޫ އަތޮޅު އެތެރެވަރި ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރުމާއި މެދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޮއިދޫ އަތޮޅު އެތެރެ ވަރި ހިއްކައިގެން ރިސޯޓެއް ހެދުމަށްވުރެ، އެތަން އޮތްގޮތަށް ބާއްވައި ބެލެހެއްޓުމުން އަތޮޅަށް ލިބޭނެ ތަނަވަސްކަމާއި ފައިދާ މާ ބޮޑުވާނެ ކަމަށެވެ.
ރިސޯޓަށް ވުރެން ގެސްޓް ވިޔަފާރިން ރަށަށް ވަންނަ ފައިސާ އާއި މަންފާ އިތުރުވާނެކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ ރިސޯޓެއް ތަރައްގީ ކުރަން ޖެހިއްޖެނަމަ، ގޮއިފުޅަ ފެހެންދޫގެ ތެރެއިން ކޮންމެވެސް އެއް ރަށެއްގެ ބައެއްގައި ރިސޯޓެއް ތަރައްގީ ކުރެވިދާނެ ކަމަށެވެ.