ދިވެހިންގެ ތެރޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ އަސާސީ ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށް ނުވަތަ ކޮންޓްރޯލްކުރުމަށް ހާއްސަ 'އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް' އެއް ތައާރަފް ކުރަން ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކާބޯތަކެތި ލިބުމާއި އަގުތައް އެންމެ ރަނގަޅަށް މެނޭޖުކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ފާއިތުވި 2 އަހަރުވެސް ކޮށްފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރަން ތައާރަފް ކުރާ ޕްރައިޒް އިންޑެކްސްގެ ސަބަބުން އާންމުކޮށް ގޭބީސީތަކުގައި ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އެޅޭނެކަމަށެވެ. ސައީދު ވިދާޅުވީ މި އިންޑެކްސް ކުރިއަށް އޮތް ދެ ދުވަސް ތެރޭ އާންމުކުރާނެ ކަމަށެވެ.
ސައީދު ވިދާޅުވީ މި އައިޓަމްތަކުގެ ތެރެއިންވެސް 'ކްރިޓިކަލް އައިޓަމް'ގެ ގޮތުގައި, ބަދަލުގައި އެހެން އެއްޗެއް ބޭނުންނުކުރެވޭ 35 ބާވަތް ފާހަގަކޮށްފައިވާނެ ކަމަށެވެ. ސައީދު ވިދާޅުވީ މި އިންޑެކްސް އާއެކު މި 162 އައިޓަމުން އަގުތައް އުފުލިފައި ހުރި މިންވަރު މަސް ނިމޭއިރު އިނގިގެން ދާނެ ކަމަށެވެ.
މިހާރު ވެސް 'ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި)' ބޭނުންކޮށްގެން ސްޓެޓިސްޓިކްސް ބިއުރޯއިން ތަކެތީގެ އަގުތައް އުފުލޭ މިންވަރު ދެނެގަންނަމުން ދާކަން ފާހަގަކޮށް ސައީދު ވިދާޅުވީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް އާންމުކޮށް ރާއްޖޭގައި ހިންގާ ބޮޑެތި ފިހާރަކުގައި ތަކެތި ވިއްކާ އަގުތައް ދެނެގަންނަމުން އަންނަ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ އިންފްލޭޝަން ހުރީ 3.8 ޕަސެންޓުގައި ކަމަށްވާއިރު، މީގެކުރިން ސައީދު ވަނީ ރާއްޖޭގެ އިންފްލޭޝަން ރޭޓު 7 ޕަސެންޓު ހުރަސްކުރާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރި ކަމަށާއި، ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިންފްލޭޝަން ރޭޓު ތިން ޕަސެންޓުގައި ހިފެހެއްޓިފައިވާ ކަމަށް ވިދާޅުވެފައެވެ.