އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީ މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމް މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން ކަމަށް އޮޓިޕްސީ ރިޕޯޓުން ދައްކައިފިއެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހްމާން މަރުވެފައިވާ އިރު، އޭނާގެ ހަށިގަނޑު އޮޓޯޕްސީ ހެދުމަށް އިންޑިއާގެ ތިރުވަނަންތަޕުރަމް އަށް ފޮނުވާލާފައި ވަނީ މި މަހުގެ 21 ވަނަ ދުވހަުއެވެ. އޮޓޯޕްސީ ހެދުމަށްފަހު އޭނާގެ ހަށީގަނޑު މާލެ ގެނެސްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

އޮޓޮޕްސީ ރިޕޯޓާ ގުލޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުން މިއަދު ފުލުހުން ބުނީ، އަބްދުއްރަހްމާން އާދަމް މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީގެ ވަގުތީ ރިޕޯޓުން ދައްކާ ކަމަށެވެ. އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ،

އަބްދުއްރަހްމާން އަށް ހަމަލާދީފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި އަބްދުއްރަހްމާން ނިދާފައި އޮއްވައެވެ. އަބްދުއްރަހްމާން ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ބޮލުގެ ބޮޑުބައި ޗިސްވެފައިވާ އިރު، އޭނާ މަރަށް ތެޅެނިކޮށް ފެނިފައި ވަނީ އޭނާގެ އަންހެނުންނަށެވެ. އޭނާގެ ތިން ދަރިން ތިބި އިރު އޭރު އެއްވެސް ދަރިއަކު ރަށުގައި ނެތެވެ.

އަބްދުއްރަހްމާންގެ މަރުގެ ހާދިސާއާ ގުޅިގެން އެ ރަށު މީހަކު ބުނީ، އެމީހާއަކީ މީހުންނަށް ވެސް ރަނގަޅު މީހެއް ކަމަށާއި، އަބްދުއްރަހްމާންއާ އެއްވެސް މީހަކާ މައްސަލައެއް ޖެހިފައި ނުވަތަ ރުޅިވެރިކަމެއް އޮތް ކަމެއް ވެސް ނޭނގޭ ކަމަށެވެ. މި މައްސަލަ އާ ގުޅިގެން އަބްދުއްރަހްމާންއަށް އެވަރުގެ އަނިޔާއެއް ދީފައި ވަނީ އޭނާ މަރާލަން ކަމަށް ބެލެވޭ ކަމަށް ވެސް އެ ރަށު މީހުން ބުނެއެވެ.