މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް ޒުވާން އަންހެނަކު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ، ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލައިފިއެވެ.

މި މައްސަލައަކީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެ ރޭ މާލޭގެ ހ. ޝީރީންވިލާ ގޭގެ އެޕާޓްމަންޓެއްގެ ތެރޭގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު މަރާލުމަށްފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީ ބުރިބުރިކޮށްލި މައްސަލައެވެ. މި ހާދިސާއާ ގުޅިގެން ސާހިލް ހައްޔަރުކޮށްފައި ވަނީ ހަމަ އެރޭ ކުށުގެ ވެށިންނެވެ. ޝަރީއަތް ނިމެންދެން އޭނާ ހުރީ ބަންދުގައެވެ.

މި މައްސަލައިގައި ސާހިލްގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއާއި، ކެނަބިސް ބޭނުންކުރުމުގެ ދައުވާ ހިމެނެއެވެ. އަނެއް ދެ ދައުވާގެ ތަފްސީލު ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ. މައްސަލައިގެ ބާވަތުންނާއި އާއިލާގެ މަސްލަހަތަށް ރިއާޔަތްކޮށް، ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ސާހިލްގެ މައްޗަށް އުފުލި ފަސް ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، 3 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް، ޝަރީއަތް ސިއްރުކޮށްފައި ވާތީ އެއީ ކޮން ދެ ދައުވާއެއް ކަމެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާގައާއި ޝަރީއަތުގެ މަޖިލީހުގައިވެސް ސާހިލްގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދައުލަތުގެ ހަރަދުގައި އޭނާއަށް ވަކީލަކު ހަމަޖައްސައިދިން ނަމަވެސް، ވަކީލުންނާ މުއާމަލާތު ނުކުރުމާއި އެއްބާރުލުން ނުދިނުމުގެ ސަބަބުން އިތުރަށް ދައުލަތުން ވަކީލަކު ހަމަޖައްސައިނުދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ބާކީ އޮތް ތިން ދައުވާގެ އަޑުއެހުންތައް ނިންމާލައި، އެންމެ ފަހުން ބޭއްވި މަޖިލީހުގައި ވަނީ ހުލާސާ ބަޔާން އިއްވާފައެވެ. ދެން މި މައްސަލައިގައި އޮންނާނީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއި، ކުށް ސާބިތުވާނަމަ އަދަބު ކަނޑައެޅުމުގެ މަރުހަލާއެވެ.