އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް މަރާލިކަން ސާބިތުވި އޭނާގެ ފިރިމީހާ މާވިން އެސްވައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އަދަބާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުވަނީ މާވިންއަކީ އަނިޔާ ލިބުނު މީހާގެ ފިރިމީހާ، އަދި އަނިޔާ ލިބުނު މީހާގެ ދަރީގެ ބައްޕަގެ އިތުރުން ނަރުހެއް ކަން ފާހަގަކޮށްފައެވެ. އަދި މާވިންގެ މި އަމަލަކީ އެއްވެސް ރަހުމެއް ނެތް، އަނިޔާވެރި އަމަލެއްކަމުގައި ދައުލަތުގެ ވަކީލުވަނީ ސިފަކުރައްވާފައެވެ.

މި މައްސަލައިގައި ވީހާވެސް ބޮޑު އަދަބެއް ދިނުމަށް ދައުލަތުން އެދިފައިވާއިރު ދައުލަތުންވެސް ވަނީ މާވިން އުމުރަށް ޖަލަށްލުމަށް އެދިފައެވެ.

މޭރީ މަރާލާފައިވަނީ މާވިން އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން އުފެދުނު މައްސަލަތަކެއްގެ ތެރެއިންނެވެ. މި މައްސަލައިގައި ކުށް ސާބިތުވެ، ޖަލުގައި ބަންދުކޮށްފައި ހުރި މުއްދަތުގައި މާވިން ވަނީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައެވެ.

މާވިންގެ އިތުރުން، މިކަމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވި ލަމްހާގެ މައްޗަށްވެސް މިއަދުގެ ވަގުތެއްގައި ހުކުމް އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ.