އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (ޔޫސުފް) ގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މޭރީ ގްރޭސް މަރާލާފައިވަނީ 19 އޮކްޓޯބަރު 2021 ގައެވެ. އޭނާ މަރާލާފައިވަނީ ދިރިއުޅެމުންދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގަ އެވެ. މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔަ ނަމަވެސް، ފުލުހުންގެ ތަހުގީގުންނާ، ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި އޭނާ މަރުވީ ބޮލަށް ދިން ބާރުގަދަ ހަމަލާތަކެއްގެ ސަބަބުންނެވެ.
މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާޒިމް ވިދާޅުވީ، މޭރީ ދަންޖެހިގެން މަރުވި ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް އޭނާ ބެލި ޑޮކްޓަރުންގެ ހެކިބަހުން އެނގޭ ކަމަށެވެ. މާވިންގެ ފޯނުން މީހުން ހާސްކޮށްލާނެ ގޮތްގޮތުގެ ފޮޓޯތަކެއް ފެނިފައިވާ އިރު، އެފަދަ ފޮޓޯތައް ބަހައްޓަން ޖެހުނު ސަބަބެއް އޭނާއަށް ކޯޓުގައި ސާފުކޮށްދެވިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މޭރީ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ މާވިންއާ އެކު އެ ގޭގައި އުޅެނިކޮށް ކަމަށް ވާތީ، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ގާޒީ ނިންމެވީ މޭރީ މަރާލީ މާވިން ކަމަށެވެ.
މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ކުށް ސާބިތުވާކަމަށް މިއަދު ކޯޓުން ނިންމި ނަމަވެސް، މި ކުށަށް މާވިންއަށް ދޭނެ އަދަބަކާ ބެހޭގޮތުން ވާހަކަދެއްކުން އޮންނާނީ އެހެން ދުވަހަކުން ބާއްވާ އަޑުއެހުމެއްގައެވެ.
މި މައްސަލާގައި ދެން ދައުވާ ލިބޭ ދިވެހި ނަރުސް ހަލީމަތު ލަމްހާގެ ބަޔާ މެދު ކޯޓުން އަދި ގޮތެއް ނިންމަވާފައެއް ނުވެއެވެ.
