ސްރީ ލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ ބަޑިޖަހައި މަރާލި މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ރާއްޖެއަށް އެތެރެވާން އުޅެނިކޮށް ދިވެހި އިމިގްރޭޝަނުން ހިފަހައްޓައި، އަނބުރާ ގައުމަށް ފޮނުވާލުމާއެކު ލަންކާ ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 23 އަހަރުގެ މި މީހާ ރާއްޖެއަށް އައިސްފައިވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ. ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިމިގްރޭޝަން ކްލިއަރެންސް މަރުހަލާގެ ތެރެއިން އޭނާ ހިފަހައްޓައި، ޑިޓެންޝަން ސެންޓަރުގައި ބެހެއްޓުމަށްފަހު އިއްޔެ މެންދުރުފަހުގެ ފްލައިޓަކުން ވަނީ އަނބުރާ ލަންކާއަށް ފޮނުވާލާފައެވެ.

މި މީހާ ޑީޕޯޓުކޮށްލުމުން، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އޭނާ ފޭބުމާއެކު ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ އޮފިސަރުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި އޭނާ މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޝަނާ ހަވާލުކޮށްފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާއަކީ މީގެ ކުރިން 2021 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ވަޒީފާ އަދާކޮށްފައިވާ މީހެކެވެ. އޭނާ ރާއްޖެއަށް އެތެރެވިޔަ ނުދީ ހިފެހެއްޓުމަށްފަހު، އޭނާއާ ގުޅޭ މައުލޫމާތު އިމިގްރޭޝަނުން ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެފައިވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ލަންކާ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، މި މީހާއަކީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ތަލަންގަމާ ޕޮލިސް ޑިވިޝަންގެ ބާރުގެ ދަށުގައިވާ އަކުރެގޮޑާ ސަރަހައްދުގައި ގާނޫނީ ވަކީލަކަށާއި އޭނާގެ އަންހެނުންނަށް ބަޑިން ހަމަލާދިން މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ މީހެކެވެ. ކޮލަމްބޯއާ 12 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ އަކުރެގޮޑާގައި މި ހާދިސާ ހިނގާފައިވަނީ ސުޕަމާކެޓެއްގެ ޕާކިން އޭރިއާގައި އޮތް ކާރެއްގެ ތެރޭގައި އެ ދެމަފިރިން ތިއްބައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ހައްޔަރުކުރެވުނު މީހާއަކީ އެ ދެމަފިރިންނަށް ހަމަލާދިން މީހުންނަށް ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދިނުމުގައި އިސް ދައުރެއް އަދާކުރި މީހާއެވެ.

އެތުކަންދުރާއަށް ނިސްބަތްވާ މި މީހާއަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ލަންކާ ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މަނާ މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި އަދި ހަމަ އެ އަހަރުގެ ޑިސެންބަރު މަހު ހެރޮއިން ގެންގުޅުނު މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައި ވެއެވެ. މި ދެ ފަހަރުވެސް އޭނާ ކޯޓަށް ހާޒިރު ކުރުމުން ވަނީ ޖޫރިމަނާކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފަހަކަށް އައިސް ލަންކާގައި ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށްފައިވާއިރު، ވާދަވެރި ގޭންގުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ބަޑީގެ ހަމަލާތައް ދިނުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރު އެކަނިވެސް ބަޑި ޖެހުމުގެ ވިއްސަކަށް ހާދިސާ ހިންގާފައިވާއިރު، އެތައް ބަޔަކު އެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލަންކާ ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި ގާތްގަނޑަކަށް 1،400 މީހުން ހަރަކާތްތެރިވާ 57 ގޭންގެއް ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލައިގެ ތަހުގީގު ލަންކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރިއަށެވެ.