ޓެކްނިކަލް މައްސަލައެއް ދިމާވެ، ޓްރާންސްޕޯޓް މިނިސްޓްރީން ދެމުންދިޔަ ހިދުމަތްތައް މެދު ކެނޑިއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިނިސްޓްރީގެ ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އެ މިނިސްޓްރީން އިތުރަށް ބުނީ، އެކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ އުނދަގޫތަކަށް މާފަށް އެދޭ ކަމަށެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މައްސަލަ ދިމާވެފައި ވަނީ ސާވާ އޯވާ ހީޓް ވެގެން ކަމަށާއި މިއަދު ހެނދުނު ދިމާވި މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން ދަނީ ސަރުކާރުގެ އެހެން ބައެއް މިނިސްޓްރީތަކާއި އިދާރާތައް ވެސް ހިންގަމުން އަންނަ އުމަރު ޒާހިރު ބިލްޑިންގައެވެ. އެގޮތުން އެ އޮފީހުގެ އިދާރީ މަސައްކަތްތައް ހިންގަމުންދަނީ އެ އިމާރާތުގެ ތިންވަނަ ފަންގި ފިލާގައި ނަމަވެސް މިނިސްޓްރީގެ ކައުންޓަރުގެ ހިދުމަތްތައް ދެމުންދަނީ އޮފީސް އިމާރާތުގެ ގްރައުންޑް ފްލޯގައި ގާއިމް ކޮށްފައިވާ ކައުންޓަރުންނެވެ.

އެ މިނިސްޓްރީ ހިންގުން އުމަރު ޒާހިރު ބިލްޑިންއަށް ބަދަލުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.