ރާއްޖެ އާއި އިތިއޯޕިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރުމަށްޓަކައި މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން އެވެ.
އަދި އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލޭޓޭ އެވެ. އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި އިތިއޯޕިއާއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އަދި އެފްރިކާގެ ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް އާ މާކެޓްތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިއީ ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން ގާއިމުކުރި އެފްރިކާ ބައްރުގެ ހަ ވަނަ ގައުމެވެ.
މީގެ ކުރިން ރާއްޖެއިން މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފައިވާ އެފްރިކާގެ ގައުމުތަކަކީ މިސްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ދެކުނު އެފްރިކާއެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމާއެކު އިގުތިސާދީ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އަދި ހަމަ އެހެންމެ ދުނިޔޭގެ އެކި ހަބް އެއާޕޯޓްތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެވޭނެ މަގުތައް ފަހިކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މިއީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރުވެސް ވިދާޅުވެފައި ވެއެވެ.
