ދިވެހިރާއްޖެއަށް ވައިޑްބޮޑީ އެއާކްރާފްޓްގެ ހިދުމަތް ތައާރަފްކުރުމުން ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ ގައުމީ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ބޭނުންވާ ހާލަތްތަކުގައި އެ ބޯޓުތައް ބޭނުންކުރެވުން ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ސުވާލުކުރައްވާފައި ވަނީ ވައިޑްބޮޑީ އެއާކްރާފްޓާއެކު ލިބުނު ކުރިއެރުންތަކާއި، ދަތުރުކުރާ މަންޒިލްތަކުގެ އިތުރުން ޗައިނާ އާއި އިންޑިއާ ނޫން އެހެން ގައުމުތަކަށް ދަތުރުތައް ފަށާނީ ކޮން އިރަކުންތޯ ސާފުކުރުމަށެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމައެއް ފަދަ ނުރައްކާތެރި ހާލަތެއް ދިމާވާ ވަގުތުތަކުގައި ރާއްޖޭގެ އަމިއްލަ ކޮންޓްރޯލް އޮތް ބޯޓެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ރާއްޖޭގެ އެއާބަސް އޮޕަރޭޝަން އޮތުމުގެ ސަބަބުން ޒަރޫރީ ބޭސްފަރުވާގެ ސާމާނު ގެނައުމަށް ބޮޑު ފަސޭހައެއް ލިބުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ގައުމީ އެއާލައިންގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، މިއަހަރުގެ ފަހުކޮޅު އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް ރާއްޖެ ގެނައުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން މިހާރު ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ވައިޑްބޮޑީ އެއާކްރާފްޓްގެ ހިދުމަތް ފެށިފަހުން ވޭތުވެދިޔަ 16 މަސްދުވަހުގެ ތެރޭގައި 67,000 އަށްވުރެ ގިނަ މީހުން މި ބޯޓުތަކުގައި ދަތުރުކޮށްފައިވެއެވެ.
އެގޮތުން ހައްޖާއި އުމްރާގެ ދަތުރުތަކުގެ އިތުރުން އެކި މުހިންމު ބޭނުންތަކަށް ބޯޓު ޗާޓަރުކޮށްގެން ދަތުރުތައް ކޮށްފައިވެއެވެ. މޯލްޑިވިއަންގެ 264 ޖާގައިގެ ވައިޑްބޮޑީ ބޯޓުން މިހާރުވެސް ޗައިނާގެ 3 މަންޒިލަކަށާއި، އޮސްޓްރޭލިއާ އަދި ސައުދީ އަރަބިއްޔާއަށް ޝެޑިއުލް އަދި ޗާޓަރު ދަތުރުތައް ކުރަމުން އާދެއެވެ. މީގެއިތުރުން ދެކުނު އެފްރިކާއަށް ދަތުރުތައް ފެށުމަށް ބޭނުންވާ އެއްބަސްވުންތައް މިހާރު ވަނީ އެކުލަވާލެވިފައެވެ.
