ގއ. ވިލިނގިލީގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ ނޮވެންބަރު މަސް ނިމުމުގެ ކުރިން ފެށިގެންދާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ހުށަހަޅާ "އަހާ" ފޯރަމްގެ ރޭގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތުގެ ކޮންޓްރެކްޓަރު މިހާރު ބަދަލުކޮށްފައިވާ ކަމަށާއި، އާ ކޮންޓްރެކްޓަރަކާ އެކު މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އާ ކޮންޓްރެކްޓަރަކާއެކު ސޮއިކޮށް އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި މިހާރު މިއޮތީ. އިރާދަކުރެއްވިއްޔާ ނޮވެންބަރު މަސް ނިމުމުގެ ކުރިން ފެށޭނެ،"
އަމީން

ނަމަވެސް، މި މަސައްކަތުގެ އާ ކޮންޓްރެކްޓަރަކީ ކޮބައި ކަމެއް މިނިސްޓަރު އަމީން ހާމައެއް ނުކުރައްވައެވެ. އަދި ކުރިން ހަވާލުކުރެވުނު ކޮންޓްރެކްޓް ބާތިލުކުރެވުނު ސަބަބެއް ވެސް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ފެބްރުއަރީ 22 ގައި ވިލިނގިލީ އެއާޕޯޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދުބާއީގެ ބުރުޖު ހަލީފާ އެޅުމުގައިވެސް ބައިވެރިވި ބެލްޖިއަމްގެ އެން ވީ ބޭސިކްސް އެސްއޭއާއެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ.

ގއ. ވިލިނގިލީގައި ބައިނަލްއަގްވާމީ އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު މި ވައުދު އިއުލާނު ކުރެއްވީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު، ކެމްޕެއިންގެ ތެރެއިން ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ގއ. ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި، އެ މަޝްރޫއުގެ ޑިޒައިން ދައްކާލައި، ކުރީގެ ކޮންޓްރެކްޓަރާއެކު ފަހުމުނާމާ އެއްގައި ސޮއިކޮށްފައިވެއެވެ.

އޭރު ސަރުކާރުން ވަނީ މި މަޝްރޫއުގެ ދަށުން ގއ. ވިލިނގިލީގައި 3،400 މީޓަރުގެ ރަންވޭއަކާއި، ޓްރާންސިޓް ހޮޓަލަކާއި ހެލިޕެޑަކާއި ޔޮޓް މެރީނާއެއްގެ އިތުރުން ބައިނަލްއަގްވާމީ އެއާޕޯޓެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށް ހާމަކޮށްފައެވެ. އަދި މިއީ 500 މިލިއަން ޑޮލަރާއި 750 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު އިންވެސްޓްމަންޓެއްކަމަށްވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.