ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ބ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަށް ފަށައިފިއެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ، އެ އަތޮޅުގައި މިއަދު ފެށިގެންދިޔަ އާރްޓީއެލްގެ ހިދުމަތާއެކު ރައްޔިތުންނަށް އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބ،ި ރައްޔިތުން ރަށު ބަންދުން ވީއްލ،ި އަތޮޅުގައި ދަތުރުފަތުރުގެ އިންގިލާބީ އާ ބާބެއް ފެށޭނެ ކަމަށެވެ.

އަދި 8 ޖުލައިން ފެށިގެން 3 އޮގަސްޓުގެ ނިޔަލަށް އެއް ހަފުތާގެ މުއްދަތަށް އާރްޓީއެލް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅީން ހިލޭކަން ފާހަގަކޮށް އެމްޓީސީސީން ބުނީ އެފަދައިން ނިންމުމުގެ މައިގަނޑު ސަބަބަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، އެ ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމާއެކު، ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން ކަމަށެވެ.

ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމުގެ ތެރެއިން

ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފައްޓަވާނެކަން ރައީސް ފުރަތަމަ އިއުލާން ކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އުނގޫފާރަށް ވަޑައިގެންނެވެ.

އޭގެ ފަހުން މި އަހަރު ފެބްރުއަރީ މަހު ބޭއްވި ރިޔާސީ ބަޔާނުގައި ވެސް އެ ވާހަކަ އެމަނިކުފާނު ތަކުރާރު ކުރައްވާފައި ވެއެވެ. އެގޮތުން ކަނޑުމަގުން ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް ހަލުއިކޮށް، ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.

ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅާއި ނ. އަތޮޅު އަދި ރ. އަތޮޅުގައި ވެސް މިހާރު ފެރީގެ ހިދުމަތް ފަށާފައިވާ އިރު، އަދި ކުރިއަށް އޮތްތަނުގައި ޒޯން ހަތަރެއްގައި ހިމެނޭ ހަތަރު އަތޮޅު އާރުޓީއެލް ފެރީގެ ނިޒާމުން ގުޅައިލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމާއެކު ރާއްޖޭގެ 11 އަތޮޅެއްގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ކުރިއަށްދާނެ އެވެ. މިއީ ރާއްޖޭގެ އަތޮޅުތައް ފެރީގެ ނިޒާމުން ގުޅުވާލުމަށް ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.