ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ރީތި ކަމުގައި ބެލެވޭނީ އާ ޓާމިނަލްއާއެކު ދަރަނިން ސަލާމަތްވާނެ މަގު ފެންނަނަމަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިއަދު އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކޮންކްރީޓް، ބިއްލޫރި އަދި ޕްލާސްޓިކްގެ އަވައިގައި ޖެހި، އެއީ ތަރައްގީ ކަމަށް ދެކެނީ ނަމަ އެއީ ހަނި ވިސްނުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ވެސް ރީތި ވާނީ ވަޅި ރީތީ ތޫނު ކަމަށް ބުނާ މިސާލުގައިވާ ގޮތުގައި ކަމަށެވެ. އެގޮތުން އާ އެއާޕޯޓް ޓާމިނަލްގެ ސަބަބުން ޓޫރިސްޓުން އަންނަވަރު އިތުރުވުމާއި އިގްތިސޯދު ކުރިއަރައި، ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަނަމަ ވެލާނާ އެއާޕޯޓް ވަރަށް ރީތި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އާ ޓާމިނަލް އޮޕަރޭޝަން ފެށުން ވެގެންދާނީ ދިވެހިރާއްޖޭގެ އިގްތިސޯދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ވަކީން ހާއްސަކޮށް އެއީ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.
މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ނިންމާފައިވާ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސުންގެ އިތުރުން އެމްއޭސީއެލްގެ ކުރީގެ ވެރިންނާއި ބޯޑުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށްވެސް ދައުވަތު ދިނުމަށް އެމްއޭސީއެލް އިން ވަނީ ނިންމާފައެވެ.