2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް ސަރުކާރު ސްކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ޖާގަ ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިރާސީ އާ އަހަރަށް އެލްކޭޖީ އަދި ގްރޭޑު 1 އަށް ޖާގަ ހުޅުވާލާފައިވާ ކަމަށާއި، ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ މިއަދުން ފެށިގެން 31 އޮގަސްޓުގެ ނިޔަލަށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ފޯމު ފުރުމަށް މި ލިންކު ބޭނުން ކުރެވޭނެ ކަމަށާއި، ބެލެނިވެރިޔާގެ މޮބައިލް ނަންބަރު ޖެހުމުން ފޯނަށް ކޯޑެއް ދާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިދިޔަ އަހަރު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރު އެލްކޭޖީގައި އުޅޭނީ މިދިޔަ އަހަރު ޑިސެމްބަރަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިން ކަމަށެވެ. އަދި ގްރޭޑް 1 އަށް ވެއްދުމުގައި ބަލާނީ ޑިސެމްބަރު 31 ގެ ނިޔަލަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުދިން ކަމުގައިވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ކަލަންޑަރުގައި ވާގޮތުން މި މަހު 24 ގައި ފުރަތަމަ ޓާމުގެ ޗުއްޓީ ދަރިވަރުންނަށް ލިބިގެންދާއިރު، ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 10 ގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ނިމުމަށް ހަމަޖެހިފައިވަނީ 25 ޑިސެމްބަރުގައެވެ. އެއާއެކު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބިގެންދާއިރު 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ 27 ޖެނުއަރީ ގައެވެ.