ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. ރަބީއު، އުމުރުން 30 އަހަރުގެ ސާއިފް އަހްމަދު ދީދީއެވެ.
ފުލުހުން ބުނީ ސާއިފް ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަސް މަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން 30،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި، ސާއިފް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހުޅުމާލެ ފޭސް 2 އަކުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާއަކީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑްސް އޮންނަ މީހެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަތައް އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ކަމަށެވެ.