ޓެލެގްރާމް ގްރޫޕެއް މެދުވެރިކޮށް ލިންކެއް ފޮނުވައި، މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 92،000 ރުފިޔާ އަތުލި މައްސަލައެއްގައި ދެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ އޯޓީޕީ (OTP) ކޯޑު ހިއްސާކުރުމުން، ގޮތް ނޭނގޭ ޓްރާންސެކްޝަނެއް ހިންގައި އެކައުންޓުން 92،000 ރުފިޔާ ކަނޑައިގަނެފައިވާ މައްސަލައެއް މި އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ހުށަހެޅުމާއެކު ފުލުހުންގެ ތަހުގީގު ޓީމުން ކުރި މަސައްކަތުން، އެ ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި އަދި އެކަމުގައި ބައިވެރިވި އިތުރު މީހަކު ވަނީ ދެނެގަނެވިފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ:

  • ހއ. ހޯރަފުށި، ފައިންޕާކް، މުޙައްމަދު ފަޒީލް (23އ)
  • ގދ. ފިޔޯރީ، ފައިންބީޗް، އަބްޝަރު ރަޝީދު (23އ)

ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންގެ ބަންދަށް ވެސް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަދަ ސްކޭމްތައް އިތުރުވަމުންދާތީ، އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އެއްވެސް ފަރާތަކަށް އޯޓީޕީ ކޯޑު ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ވެސް ފުލުހުންގެ ޚިދުމަތުން ވަނީ ހަނދާންކޮށްދީފައެވެ.