އަހަރުތަކަކަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުހާނާ މިރޭ ހުޅުވުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ މިރެއަކީ ދިވެހިރާއްޖޭގެ އިސްލާމީ އިލްމީ ތާރީހުގައި ފާހަގަކޮށްލެވޭނެ ރެއަކަށް ވެގެންދާނެކަމަށާއި، އަހަރުތަކެއްގެ މެދުކެނޑުމަށްފަހު އިސްލާމީ ކުތުބުހާނާ އަލުން ހުޅުވުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ.
މި ކުތުބުހާނާ ތަރައްގީ ކޮށްފައިވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިގިލާގައެވެ. މި ކުތުބުހާނާ ހުޅުވިގެންދާނީ 15،000 އަށްވުރެ ގިނަ ފޮތާއެކުކަކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އެއާއެކު އެ މިނިސްޓްރީ އިން ވަނީ މި ކުތުބުހާނާގެ ސަބަބުން އިސްލާމީ އިލްމު ހާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބުނެފައެވެ.
މި ކުތުބުހާނާއާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ކުތުބުހާނާ އަކީ އިސްލާމީ ދިރާސާ ކުރާ ފަރާތްތަކަށް ވަރަށް ހިތްގައިމު މާހައުލަކަށްވެގެންދާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުހާނާ ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ގައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ވަނީ ނިންމާފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން މިނިސްޓަރު ޝަހީމް ވިދާޅުވީ ހއ. ދިއްދޫ އާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރު ލައިބްރަރީގެ އިތުރުން ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރު ލައިބްރަރީއާއި އައްޑޫ އަދި އަތޮޅުތަކުގައި ގާއިމު ކުރާ އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ގައުމެެއްގެ ޔުނިވަސިޓީއަކުން ވަނީ ހަމަޖެހިފައިވާކަމަށާއި މިގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާކަމަށެވެ.