ދިވެހިރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ފަހިވެގެންދިޔަ ފުރުސަތެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ ގައުމުގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ އިމާމުންނަށް ލިބިފައިވާކަން މޮރޮކޯ ސަރުކާރުން ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.

އަދި ހަމަ އެހެންމެ ދިވެހި ދަރިވަރުން ކިޔަވަންދާ އިންސްޓިޓިއުޓަކީ އެ ގައުމުގެ ރަސްގެފާނުގެ ހާއްސަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ ތަނެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ކިޔަވާ ފަރާތްތަކަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓްމަނީ ވެސް ދެއްވާނެ ކަމަށެވެ.

"މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ އިމާމުންނަށް ލިބިފައިވާކަން މޮރޮކޯ ސަރުކާރުން ރަސްމީކޮށްވަނީ އަންގާފަ. ކިޔަވަން ތިބޭ މުއްދަތުގައި ޕޮކެޓްމަނީ ވެސް ލިބިގެންދާނެ. މިކަން މިގޮތައް ފަހި ވެގެން ދިޔައީ ރައީސުލްޖުމުހޫރިއްޔާ ޑރ މުއިއްޒު މޮރޮކޯ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން."
ޝަހީމް

އިމާމުން ކިޔަވަން ފޮނުވުމާ ގުޅޭ އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަހަށް ސޮއިކުރެވޭނެކަމަށާއި، މި އެއްބަސްވުން މިހާރު މިނިސްޓްރީއަށް ލިބިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ޝަހީމް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރު ތެރޭގައި 500 އެއްހާ ގުރުއާން ހާފިޒުން ބިނާކުރުން ކަމަށެވެ.

އަދި މިކަމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި، މި މަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާފިޒުންގެ އެލަވަންސް ވެސް ބޮޑުކުރައްވާފައިވާކަންވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.