ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ގާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ގައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ދިއްދޫ އިސްލާމިކް ސެންޓަރުގެ ލައިބްރަރީ، އުނގޫފާރު އިސްލާމިކް ސެންޓަރުގެ ލައިބްރަރީ، ތިނަދޫ އިސްލާމިކް ސެންޓަރުގެ ލައިބްރަރީ، އައްޑޫ އިސްލާމިކް ސެންޓަރުގެ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ގާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ގައުމެެއްގެ ޔުނިވާސިޓީއަކުން ހަމަޖެހިފައިވާ ކަމަށެވެ.
60 ހާސް ފޮތް ލިބޭނެ ކަމަށް އެ ޔުނިވާސިޓީއިން އަންގާފައިވާކަން ޝަހީމް ފާހަގަކުރެއްވި ނަމަވެސް އެއީ ކޮން ޔުނިވާސިޓީއެއްކަން ޝަހީމް ހާމަކުރައްވާފައެއް ނުވެއެވެ.
ޝަހީމް ވިދާޅުވީ މިހާރު ހުޅުވިފައިވާ މަރުކަޒުތަކުގައި ލައިބްރަރީ ގާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އެގޮތުން މާލޭގައި ގާއިމްކުރެވޭ އިސްލާމީ ލައިބްރަރީ ސަލްމާން މިސްކިތުގައި ގާއިމް ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.