ގޭންގު ކުށްތަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި ބައެއް ފުލުހުންގެ މައްސަލަ ބަލަމުންދާ ކަމަށް، އެކްޓިން ކޮމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގުކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ، ގާނޫނު ތަންފީޒުކުރަން ފެށުމުގެ ކުރިން ތިން މަސް އަދި އެބައޮތް ކަމަށާއި، އެ މުއްދަތުގެ ތެރޭ ފުލުހުން ތައްޔާރީތައް ވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބައެއް ފުލުހުންގެ މައްޗަށް ގޭންގު ކުށްތަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތުތައް ހުރިކަން ފާހަގަކުރައްވައި، އެފަދަ ބައެއް މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލަމުންދާ ކަމަށް ނަވީން ވިދާޅުވިއެވެ.

"މި ގާނޫނު ތަންފީޒުކުރަން ފަށާ ހިސާބުން ފެށްޓިގެން ޔުނީފޯމް އެޅި އެއްވެސް ފުލުހަކު މިކަހަލަ އެއްވެސް ކުށެއްގަ ނޫޅޭނެ ކަމުގެ ޔަގީންކަމާ ހަމައަށް ދިއުމަށްޓަކައި އަޅުގަނޑުމެން ހަމަ މުޅި މޯލްޑިވްސް ޕޮލިސް ސާވިސްގެ ހަމަ ހުރިހާ އެގްޒެކެޓިވް އޮފިސަރުން ވެސް އެ މަސައްކަތް ކުރައްވާނެ،" އޭނާ ވިދާޅުވިއެވެ.

ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވީ، މި ބިލު ސަރުކާރުން ހުށަހެޅީ އެއްވެސް މަޖުބޫރެއް އޮވެގެން ނޫން ކަމަށާއި، އެއަށް އަމަލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް އެއްބާރުލުން ދޭނެ ކަމަށެވެ. އުޝާމް އިތުރަށް ވިދާޅުވިގޮތުގައި މިއީ މީގެ ކުރިން 2010 ވަނަ އަހަރުން ފެށިގެން އޮތް ގާނޫނުގައި ފުލުހުންނަށާއި ދައުލަތަށް ހުރި ދަތިތަކަށް ގެނައި ހައްލެކެވެ.

މި ބިލު ގާނޫނަކަށް ވުމާއެކު، ކޯޓު އަމުރަކާ ނުލާ ވެސް ފުލުހުންނަށް ބައެއް ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިދީފައިވެއެވެ. އެ ބާރުތަކަކީ:

  • ބޮޑެތި ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހާ ހައްޔަރުކުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާއެކު އެކަހެރި ބައްދަލުވުން ބޭއްވުމުގެ ފުރުސަތު ނުދީ ހިފެހެއްޓުމުގެ ބާރު
  • އެފަދަ ކުށް ކުރާ މީހުން ކަފާލާތުގެ ދަށުން ދޫކުރުމުގެ ހައްގު ނުދިނުމުގެ ބާރު
  • ބޮޑެތި ކުށުގެ ތުހުމަތުވާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކޮށްފާނެ ކަމަށް ގަބޫލުކުރެވޭ ސަބަބު ހުރެއްޖެ ނަމަ ކޯޓު އަމުރަކާ ނުލާ ހައްޔަރުކުރުމުގެ ބާރު
  • ކޯޓު އަމުރަކާ ނުލާ ކުށުގެ ތުހުމަތުވާ ތަންތަން ބަލައި ފާސްކުރުމުގެ ބާރު

މި ބިލު ގާނޫނަކަށް ވުމުގެ ސަބަބުން، ގޭންގު ކުށްތައް ކުރާ ފަރާތްތައް 10 މިލިއަން ރުފިޔާ އާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.