ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން، މަގާމުން ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.
ނަވީން ރިޓަޔާ ކުރައްވަން ނިންމަވާފައިވާއިރު ރިޓަޔާ ކުރައްވާ ސަބަބެއް އަދި ރިޓަޔާ ކުރައްވާ ދުވަހެއް އެނގިފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަވީން ރިޓަޔާ ކުރައްވަން ނިންމަވާ ރަސްމީކޮށް މިއަދު ވަނީ ސިޓީ ފޮނުއްވާފައެވެ.
ނަވީން ފުލުހުންގެ ހިދުމަތާއި ގުޅިވަޑައިގެންފައިވަނީ 2006 ވަނަ އަހަރުއެވެ. އަދި ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރު އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ނަވީން ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވާފައިވާއިރު، އޭނާއާ އެކު ފުލުހުންގެ އިސް 7 އޮފިސަރަކު ސަސްޕެންޑް ކުރަން ރައްޔިތުންގެ މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައެވެ.
ސީޕީ ނަވީނާއި އެހެން އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ނިންމާފައި ވަނީ އެ ކޮމިޓީން ބަލަމުންދާ ފުލުހުންގެ ކުންފުނި ޕޮލްކޯ އިން ހިންގާފައިވާ ކޮރަޕްޝަންއާ ގުޅުން ހުރި މައްސަލަތަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ޕޮލްކޯއާ ގުޅިގެން ބަލަމުން އަންނަ މައްސަލަތަކުގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަދި ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާ މުހައްމަދު ދާއޫދާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނުހައްގުން ހޯދާފައިވާ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ވެސް ދާދި ފަހުން ވަނީ ފާހަގަވެފައެވެ.
