ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް ހަދިޔާ ކުރި ފަސް ލޯންޗާ އެކު ކަނޑުމަގުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރުވެގެންދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާލުވެއްޖެއެވެ.

ނަވީން މިހެން ވިދާޅުވީ މި ލޯންޗް ހަދިޔާ ކުރުމަށް ދޫނިދޫގައި މިއަދު ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނަވީން ވަނީ ޖަޕާން ސަރުކާރުގެ ފަރާތުން ފުލުހުންގެ ހިދުމަތަށް ވެދޭ އެހީތެރިކަމާއި އެކި ގޮތްގޮތުން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވާފައެވެ. އަދި މި އުޅަނދުތަކާއެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ފާހަގަކުރައްވައި، ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވެ އަދި ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި ޖަޕާނަކީ ރަހުމަތްތެރިކަމުގެ ދިގު ތާރީހެއް އޮތް ދެ ގައުމުކަން ފާހަގަކުރައްވައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ވެދެއްވާ އެހީތެރިކަން ނަވީން ފާހަގަކުރެއްވިއެވެ. އަދި މި އުޅަނދުތައް ހިދުމަތަށް ނެރޭއިރު، ރައްޔިތުންގެ މަސްލަހަތު ހުރިގޮތަށް ޕްރޮފެޝަނަލް ކަމާއެކު ބޭނުންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ލޯންޗު

މި ރަސްމިއްޔާތުގައި، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ދެއްކެވި ވާހަކައިގައި، މި އުޅަނދުތަކުގެ ބޭނުމަކީ މެރިން ޕޮލިސްގެ ގާބިލިއްޔަތު ތަރައްގީ ކުރުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމަށް އެހީތެރިވެދިނުންކަމަށް ވިދާޅުވިއެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން، ދިވެހި ފުލުހުންނަށް ކަނޑުމަގުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެއެވެ. މި އެހީއަކީ ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަޕާނުން ދެމުންދާ އެއްބާރުލުމުގެ ދަށުން ދެވުނު އެހީއެއް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގައި ޖަޕާން ސަރުކާރުން ވެދޭ އެހީތެރިކަން މި ރަސްމިއްޔާތުގައި ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. މި ފިލައާ ހަވާލުވެލެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ޖަޕާނުން ހަދިޔާކުރި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖަޕާން ސަރުކާރުގެ އެހެނިހެން އިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ.

ޖަޕާނުން ދިވެހި ފުލުހުންނަށް 5 ލޯންޗު ހަދިޔާކޯށްފަިއވާ އިރު، މިދިޔަ އަހަރުގެ ޖުލައި 14 ގައި ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް 54 ކާރާއި ހަތަރު ވޭން ވަނީ ހަދިޔާކޮށްފައެވެ. އަދި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކާސާ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓުގެ އިތުުރުން އެހެނިހެން ތަކެތި ވެސް ހަދިޔާކޮށްފައި ވެއެވެ.