އިލްމުވެރިންނަކީ 'މުރުތައްދުވެފައިވާ' ބައެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ވިދާޅުވި މައްސަލަ އިލްމުވެރިންގެ ގުޅުމުން ފުލުހަށް ހުށަހަޅައިފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރީކޯ ވަނީ ރާއްޖޭގައި އުޅޭ ވަކި ފަންތިއެއްގައި ދީނީ ދަންނަ ބޭކަލުންނަކީ 'އިންޖީނު ދޯންޏަކަށް' ވެސް ހަމަ ވަގުތުން ކުއްލިއަކަށް ހަދީސްތަކާއި އާޔަތްތައް ބަދަލުކޮށްގެން ވާހަކަދައްކާ މީހުން ކަމަށް ތުހުމަތު ކުރައްވާފައެވެ.
އަދި ސިޔާސީ ގޮތުން ނުކުންނަ ދަންނަބޭކަލުންނަކީ މި ގައުމަށް ވެފައިވާ ބޮޑު މުސީބާތެއްގެ ގޮތުގައި ސިފަ ކުރައްވާ ރީކޯ ވަނީ އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. "އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު އެދެން، އެއްޗެއް ކިޔަވައިގެން ތިއްބަސް މަޑުން މަޑުން ގޭތެރޭގައި ވާހަކަދައްކާލައިގެން ތިބުމަށް" ރީކޯ މޫސަ ވިދާޅުވިއެވެ.
އަދި އެ މީހުންނަކީ އަމިއްލައަށް މުރުތައްދުވެފައި ތިބި ބައެއް ކަމަށް ވެސް ރީކޯ ވަނީ ވިދާޅުވެފައެވެ.
ރީކޯގެ އެވާހަކަތަކާ ގުޅިގެން އިލްމުވެރިންގެ ޖަމިއްޔާއިން ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީނަށް އެޑްރެސްކޮށް މިއަދު ފޮނުވި ސިޓީގައި ވަނީ ރީކޯ ދެއްކެވި ވާހަކަފުޅަކީ ވަރަށް ނުރައްކާތެރި އަދި ހައްސާސީ މައްސަލައެއް ކަމަށާއި އެ ވާހަކަތަކަކީ ދީނީ އިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށް ދައްކަވާފައިވާ ނޭއްގާނީ ދަށުދަރަޖައިގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ.
ހަމަ އެހެންމެ އިލްމުވެރިންނާ މެދު މިފަދަ ނުރައްކާތެރި ތުހުމަތުތައް ކުރުމަކީ، ޑރ. އަފްރާޝީމް އަލީ އެކޭ އެއްފަދައިން، މިހާރު ތިއްބެވި ދީނީ އިލްމުވެރިންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ފަދަ ޖަރީމާތަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެއް ކަމަށް ބުނެ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެހެންކަމުން ރީކޯ މޫސާ މަނިކާއި އޭނާގެ ވާހަކަތައް ލައިވްކޮށް ބްރޯޑްކާސްޓު ކުރި ޗެނަލްގެ ޒިންމާވާ ފަރާތްތަކާ މެދު ތަހުގީގު ހިންގާ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅައިދިނުމަށް އިލްމުވެރިންގެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
