ރާއްޖޭގެ ހައްޖާޖީންނަށް ހާއްސަކޮށް ސައުދީގައި ހާއްސަ ކްލިނިކެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ކްލިނިކް ގާއިމް ކުރުމަށް ސައުދީ ސަރުކާރުން ހައްޖު މިޝަންއަށް ރަސްމީކޮށް ހުއްދަ ދީފައިވާ ކަމަށެވެ.
ކްލިނިކް ގާއިމު ކުރާނީ ގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައިކަން ފާހަގަކޮށް ޝަހީމް އިތުރަށް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން ވަނީ ސިއްހީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ގާއިމްކޮށްފައި ކަމަށެވެ. އަދި ހަމައެހެންމެ ބޭސްފަރުވާ އާއި ހޮސްޕިޓަލް ބެޑް ވެސް ކުލިނިކުގައި ގާއިމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"ހާޖީންނަަށް ރަސްމީކޮށް ކްލިނިކް ގާއިމު ކުރެވިގެންދާނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި. ހައްޖު ކޯޕަރޭޝަނުން ވަނީ ސިއްހީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ގާއިމުކޮށްފައި." ޝަހީމް ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އަދި މިއީ މިގޮތަށް ސައޫދީ ހޮސްޕިޓަަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ގާއިމުކުރެވިގެންދާ ފުރަތަމަ ފަހަރު ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ހައްޖު ދުވަސް ވާނީ އަންނަ މަހުގެ 5 ވަނަ ދުވަހު ކަމަށްވާއިރު މިފަހަރު ހައްޖާޖީންނަށް ލުއި ފަސޭހަ ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާހުކޮށް، މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީ އިމިގްރޭޝަންގައި ޖިއްދާގައި އެއާޕޯޓްގައި އެރައިވަލްގައި ޕާސްޕޯޓް ސެޓޭމްޕް ޖަހަންށާއި ލަގެޖް ނަގަން މަޑުކުރާކަން ނުޖެހޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ތައްޔާރީތައް ހިމެނެއެވެ.