ސްކޭމްކޮށްގެން ފާއިތުވި ހަފްތާގެ ތެރޭގައި ހަތަރު ލައްކަ އަށްޑިހަ އެއްހާހަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މަހުގެ 13ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، މި މުއްދަތުގެ ތެރޭގައި އެ ސެންޓަރަށް ސްކޭމްގެ 45 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި މައްސަލަތަކުގައި ޖުމްލަ 481,520.67 ރުފިޔާ ވަނީ ގެއްލިފައެވެ. އަދި އޭގެ ތެރެއިން 383,610.08 ރުފިޔާ އަނބުރާ ހޯދާފައިވާއިރު މިއީ ގެއްލުނު ފައިސާގެ 80 ޕަސެންޓެވެ.

މި މުއްދަތުގެ ތެރޭގައި ސްކޭމަރުން އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން އެބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ދެން އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ. ފޭސްބުކް މާކެޓްޕްލޭސް 20 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ފާއިތުވި އެއް ހަފްތާގެ ތެރޭގައި ހުށަހަޅާފައިވެއެވެ.

- ސްކޭމްގެ ބާވަތްތައް:

- ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް - 10 މައްސަލަ

- ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް - 5 މައްސަލަ

- އިމްޕާސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަ - ކޮންމެ ބާވަތަކުން 1 މައްސަލަ

ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ވަސީލަތްތައް:

- ވައިބާ (9 މައްސަލަ)

- ފޯނު ކޯލް (6 މައްސަލަ)

- އައިބޭ، މެސެންޖާ، ޓެލެގްރާމް، އިންސްޓަގްރާމް

މިފަދަ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

- އެއްވެސް ލިންކަކަށް ނުފިތުން

- ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުން

- ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުން

- އޮންލައިން ޝޮޕިން ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުން

- ކްރެޑިޓް ކާޑު ނުވަތަ ވާޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން

- އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯ ނުވަތަ އެޕަލް އެޕް ސްޓޯ) ކަން ކަށަވަރުކުރުން

- ރައްކާތެރިކަމަށް އެންޓި-ފިޝިން ސޮފްޓްވެއާ ބޭނުންކުރުން

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

- ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.

- ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.

- އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.

- ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.

- އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަން ދިނުމަށް އެދި އެންޓި ސްކޭމް ސެންޓަރުން ވަނީ ޝައްކު ހިތުގައި އުފެދޭނަމަ، ޔަގީންކުރުމަށްވެސް އެދިފައެވެ. އަދި ސްކޭމްއިން ރައްކާތެރިވުމަށް ހުރިހާ ފަަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް އެންޓި ސްކޭމް ސެންޓަރުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. މީގެ އިތުރުން އެންޓި ސްކޭމް ސެންޓަރުން ވަނީ އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.