ޗައިނާގެ ކޫލްފްލައި ކުންފުނިން ކަރަންޓުން ދުއްވާ، ސީދަލަށް މައްޗަށް އަރާ ތިރިކުރާ އުދުހޭ އުޅަނދެއް (އީވީޓީއޯއެލް) ދުއްވުމުގެ ހަރަކާތެއް ހުޅުމާލޭގައި ބާއްވައިފިއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ވިއްސާރަދުންޏެއް ފެންނަން ހުރި ހިތްގައިމު މާހައުލެއްގައި ބޭއްވި މި ހަރަކާތުން ކަނޑާއި ވައިގެ ދަތުރުފަތުރު ގުޅުވާލަދޭ ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ވަނީ ދައްކާލާފައެވެ.

އަދި އެ ސަރަހައްދުން ދަތުރުކުރި ގިނަ އަދަދެއްގެ އާންމުން މަޑުކޮށްގެން ތިބެ މި މަންޒަރު ބަލާފައިވާ ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ކޫލްފްލައި ކުންފުނީގެ ރަސްމީ މައުލޫމާތުތަކުން ދައްކާ ގޮތުގައި، އެ ކުންފުނިން ވަނީ އޮކްޓޫބަރު 23 ގައި އޮތް މޯލްޑިވްސް އެކްސްޕޯ 2026 ގައިވެސް އެ ކުންފުނީގެ އަމިއްލަ އުދުހޭ އުޅަނދެއް ކަމަށްވާ "ކޫލްފްލައި ޑްރީމް އެސްޓީ" ބައިވެރިކޮށް، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މިފަދަ އުޅަނދެއްގައި ކުރި ފުރަތަމަ ދަތުރު ދައްކާލާފައެވެ.

ޗައިނާގެ ޒެޖިއާންގްއަށް ނިސްބަތްވާ ކޫލްފްލައި އަކީ ތިރި އުސްމިނުގައި މީހުން އުފުލާ އުދުހޭ އުޅަނދުތައް ފަރުމާކުރުމާއި އުފެއްދުމާއި، ވިއްކުމުގެ މަސައްކަތްކުރާ ޓެކްނޮލޮޖީ ކުންފުންޏެކެވެ.

އެ ކުންފުނީގެ ދިރާސާކުރާ ޓީމުގައި މި ދާއިރާގެ 100 އަށް ވުރެ ގިނަ ތަޖުރިބާކާރުން ހަރަކާތްތެރިވާއިރު، ވައިގެ ފަތުރުވެރިކަމާއި ދަތުރުފަތުރަށް ހާއްސަ އީވީޓީއޯއެލް އުޅަނދުތަކާއި ފްލައިޓް ކޮންޓްރޯލް ސިސްޓަމްތައް އެ ކުންފުނިން އަމިއްލައަށް އުފައްދައެވެ.

ރާއްޖޭގައި އީވީޓީއޯއެލް އުޅަނދުތަކުގެ ދަތުރުފަތުރު ތައާރަފުކުރުމަށް މީގެ ކުރިން ވެސް މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން އޮގަސްޓް 2024 ގައި ވަނީ އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ ދުބާއީއަށް ނިސްބަތްވާ ކެޕިޓަލް ވިންގްސް އަދި އެއާ ޝަޓޯ ޑީޑަބްލިއުސީއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

އާރުއޭސީއެލްއިން ވަނީ "ޕްރޮޖެކްޓް އެލެވޭޓް މޯލްޑިވްސް" ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމާޒަކީ ރާއްޖޭގެ 1،200 އަށް ވުރެ ގިނަ ރަށް ގުޅުވާލުމަށްޓަކައި 100 ވާޓިޕޯޓާއި ޑްރޯންޕޯޓުގެ ވިއުގައެއް ގާއިމުކޮށް، ވައިގެ ޓެކްސީއާއި މުދަލާއި ފަސިންޖަރުން އުފުލުމުގެ ހިދުމަތް ފެށުންކަމަށް ބުނެފައެވެ.