މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަންކުރެއްވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރާ 2 ކެންޑިޑޭޓަކު، ނަން އަނބުރާ ގެންދިއުމުން އަލުން މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ އާންމު މެންބަރެއްގެ މަގާމާއި މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ މަގާމާއެކު ޖުމްލަ 3 މެންބަރުންގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް މެންބަރުން އިންތިހާބުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނަށް މީޑިއާ ތަކުން ކުރިމަތިލި 4 ކެންޑިޑޭޓުންގެ ތެރެއިން 2 ކެންޑިޑޭޓެއްގެ ނަން އަބުރާ ގެންގޮސްފައިވާ ކަމަށެވެ.

އެހެންކަމުން މި 3 މަގާމުގެ ތެރެއިން މީޑިއާތަކުން އިންތިހާބު ކުރަންޖެހޭ 2 މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއި 27، 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އެމިނިސްޓްރީގެ ވެބްސައިޓްގައިވާ މީޑިއާ ކައުންސިލްގެ އިންތިހާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީޑިއާ ކައުންސިލަށް މެންބަރުން އައްޔަން ކުރުމަށް ބާއްވާ އިންތިހާބު މި މަހުގެ 30 ވަނަ ދުވަހަށާ ތާވަލު ކޮށްފައި ވާއިރު އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓުވެސް ޔޫތު މިނިސްޓްރީން ވަނީ ނެރެފައެވެ.