މޯލްޑިވްސް އެކްސްޕޯ 2025ގެ މެއިން ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އެކްސްޕޯ 2025 އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އަދި ބިޒްނަސް ސެންޓާ ކޯޕްރޭޝަން ގުޅިގެން، ރާއްޖޭގެ ސަގާފަތާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭހެން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދިނުމަށް ބާއްވާ ހަރަކާތެކެވެ.

މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 އިން 31ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މިއަދު ވަނީ ބީއެމްއެލް ގައި މިކަމާ ގުޅޭ ހާއްސަ ހަފުލާއެއް ބާއްވާފައެވެ. އެގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި، މިނިސްޓާ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް ހުސައިން ޒަމީރުގެ އިތުރުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު ވަނީ މި ހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.

ބީއެމްއެލް އިން ބުނީ މި އެކްސްޕޯގައި ރާއްޖޭގެ ސަގާފަތާއި، ރާއްޖޭގެ އެކި އެކި ދާއިރާތަކުގެ ފަންނުވެރިންގެ ހުނަރުތައް ފެނިގެންދާނެ ކަމަށެވެ.