ކުށުގެ ވެއްޓަށް ކުޑަކުދިން ހުށައެޅުމަކީ ކުށެއްކަމަށާއި އެކަން ކުރާ މީހުން ހައްޔަރުކޮށް، ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމްގައި މިނިސްޓަރު އިހްސާން ވިދާޅުވީ މިހާތަނަށް އައިރު، ކުށުގެ މާހައުލުގައި އުޅޭކަމަށް 400 އެއްހާ ކުދިން ރިކޯޑުކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ކުދިންނާއި ކުށަށް އަރައިގަތުމުގެ ރިސްކު އޮތްކަމަށް ރިކޯޑު ކުރެވިފައި ވާ ކުދިންގެ އަދަދު 1000 އަށްވުރެ ގިނަކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
ކުށުގެ މާހައުލުގައި ހަރަކާތްތެރިވަމުންދާ އަދި ކުށުގެ މާހައުލަށް ހުށައެޅުމުގެ ރިސްކު އޮތް ހުރިހާ ކުޑަކުދިން ހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމުގެ މަސައްކަތް ހޯޕް އައިލެންޑްގެ މަޝްރޫއުގެ ދަށުން ފެށޭނެ ކަމަށެވެ.
ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށް އިޖުތިމާއީ ގިނަ މައްސަލަތަކެއް ހައްލުކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހި ކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމާއި ގާނޫނުން ކުޑަކުދިންނަށް ލިބޭ ރައްކާތެރިކަމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވަންޖެހޭ ކަމަށެވެ.
މީގެ އިތުރުން އިހްސާން ވިދާޅުވީ ކުށުގެ މާހައުލަށް ކުޑަކުދިން ހުށައެޅުން، ކުށެއްގެ ގޮތުގައި މީގެ ކުރިން ނުބެލި ނަމަވެސް، މިހާރު ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު ކުށުގެ މާހައުލަށް ކުޑަކުދިން ނެރޭ މީހުން ހައްޔަރުކޮށް، ޕްރޮސިކިއުޓްކޮށް، އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށެވެ.