ސްކޫލް ދަރިވަރުންގެ އަހުލާގު ހަރުދަނާކުރުމަށް ރ. ވާދޫ ކައުންސިލުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

އެ ރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރަށުގެ ބައެއް ދަރިވަރުންގެ ފަރާތުން ކަންބޮޑުވާންޖެހޭ ފަދަ ނޭދެވޭ އަމަލުތަކެއް ފެންނަމުންދާތީ، އެކަންކަން ހައްލުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ދަރިވަރުންނާއި ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި ކައުންސިލުން ވަނީ ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

ވާދޫ ކައުންސިލުން އަމަލުކުރުމަށް އިލްތިމާސްކުރި ކަންކަން:

  • ބެލެނިވެރިޔަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ބޭރުގައި ނޫޅުން
  • އިރުއޮއްސުމަށްފަހު މައިޒާންތަކާއި، ޕާކުތައް އަދި އިޖުތިމާއީ ގޮތުން ހަދާފައިވާ ބީޗުތައް ބޭނުން ނުކުރުން
  • އިރުއޮއްސުމަށްފަހު ކުޅިވަރު ކުޅޭ އެއްވެސް ތަނެއް ބޭނުން ނުކުރުމާއި، ނަމާދު ވަގުތުތަކުގައި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ނުހިންގުން
  • ބެލެނިވެރިޔަކާ ނުލައި ކަނޑުތޮއްޓަށް ނޭރުމާއި ރަށުން ބޭރަށް ދަތުރު ނުކުރުން
  • އުޖޫރައެއް ހޯދުމަށް ނުވަތަ އެނޫންވެސް ބޭނުމެއްގައި އުމުރާ ނުގުޅޭ އެއްވެސް މަސައްކަތެއް ނުކުރުން
  • ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ދުންފަތް ގަނެވިއްކުމުގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިނުވުން

މި އުސޫލުތަކާ ހިލާފުވާ ދަރިވަރުންގެ ކަންކަން މިހާރަށްވުރެ ގާތުން ބަލައި، އެފަދަ ކަންކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ދަރިވަރުންގެ ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެ، އެފަދަ ކަންކަމުގައި ދަރިންގެ ކަންކަމަށް އިތުރަށް ފަރުވާތެރިވެ ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށް ހުރިހާ ބެލެނިވެރިންނަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.