ކުޑަކުދިންނާއި އާއިލާތަކުގެ ކަރާމާތަށް އުނިކަން ނާންނާނެ ގޮތަށް ހަބަރާއި މައުލޫމާތު ފެތުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މީޑިއާތަކަށް އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުޖުތަމައުގައި ހިނގާ އެކިއެކި ހާދިސާތަކާއި މައްސަލަތަކުގެ މައުލޫމާތު އާންމުންނާ ހަމައަށް ގެނެސްދިނުމަކީ މީޑިއާތަކުގެ މުހިންމު ޒިންމާއެއް ކަމަށެވެ. ނަމަވެސް، އެ މައުލޫމާތު ފަތުރަންވާނީ ފަރުދީ އަދި އިޖުތިމާއީ ގޮތުން ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަކަށް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނާއި، މައިންބަފައިންނާއި، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ މައުލޫމާތު ރިޕޯޓުކުރުމުގައި ސަމާލުވުމަށް އެމްއެމްބީސީން ވަނީ އެދިފައެވެ.
ހަމަ އެހެންމެ އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ކޮންޓެންޓް އާންމުނުކުރުމަށާއި، ކަމާގުޅޭ އިދާރާތަކުން ރަސްމީކޮށް ހިއްސާކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހަބަރުތައް ގެނެސްދިނުމަށް ކޮމިޝަނުން ވަނީ އިރުޝާދުދީފައެވެ. މީގެ އިތުރުން، މައުލޫމާތެއް ޝާއިއުކުރުމުގެ ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ކުރިން އޭގެ ސައްހަކަން ކަށަވަރުކުރުމަށް ވެސް މީޑިއާތަކަށް ވަނީ އަންގާފައެވެ.
އަދި އާއިލީ މައްސަލަތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ކަންކަމަކީ ނާޒުކު މައްސަލަތަކަކަށް ވާތީ، އެފަދަ ކަންކަން ރިޕޯޓުކުރުމުގައި އެއްވެސް ފަރާތަކަށް އިތުރު ނަފްސާނީ ނުވަތަ އިޖުތިމާއީ ގެއްލުމެއް ނުލިބޭނެ ގޮތަށް އަމަލުތައް ބައްޓަންކުރުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.
ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ މައްސަލަތަކުގައި މީސްމީޑިއާގައި “ޝަރީއަތް” ކުރުމުގެ ބަދަލުގައި، ގާނޫނީ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ބާރުއެޅުމަށާއި އާންމު ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަކީ ކޮމިޝަނުގެ ޒިންމާއެއްކަން ފާހަގަކޮށް، މި ކަންކަމުގައި ނޫސްވެރިންނާއި ބްރޯޑްކާސްޓަރުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
އެ ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައިވާއިރު ދާދި ފަހުން ވަނީ ކުޑަކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގުނު ގޮތާ ގުޅޭގޮތުން މީސްމީޑިއާގައި ވާހަކަތައް ދައުރުވެފައެވެ.
ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ގޮތުގައި މި މަހުގެ 5 ވަނަ ދުވަހު އިމަޖަންސީގައި ސިޒޭރިއަން ހަދައިގެން ލިބުނު ދަރިފުޅު، ހޮސްޕިޓަލުން ދޫކޮށްލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ އޭނާގެ ނުރުހުމުގައި ދައުލަތަށް ގެންގޮސްފައެވެ. ކައިވެނިން ބޭރުން ލިބުމު މި ކުއްޖާގެ ފޫޅު ވެސް ނުވެއްޓެނީސް މަންމައާ ވަކިކުރިއިރު، ދަރިފުޅަށް ނަން ކިޔައި އާއިލީ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިފައި ނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން އާއިލާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކުއްޖާ ނެގީ ރައްކާތެރިކަމުގެ ކަންބޮޑުވުންތަކެއް ހުރުމުންނެވެ. އެ ސިޓީގައިވާ ގޮތުން މަންމަގެ ނަފްސާނީ ބައެއް މައްސަލަތަކާއި، އުފެދުމުގައި އަތުގެ ނުކުޅެދުންތެރިކަން ހުރުމާއި، އެކަނި ދިރިއުޅުމުގެ އިތުރުން އާއިލާގެ އެހީތެރިކަން ލިބެން ނެތުމަކީ ކުއްޖާ ދައުލަތަށް ނަގަން ޖެހުނު ސަބަބުތަކެވެ. އެކަމަކު އެ މަންމަ ވަނީ މި ހުރިހާ ވާހަކަތަކެއް ދޮގުކޮށްފައެވެ.
