ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ވަރަށް ގިނަ މައުލޫމާތު ހޯދާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްދީވްސް (އެޗްއާރުސީއެމް) އިން ހާމަކޮށްފިއެވެ.
މި ކަމާ ގުޅިގެން އެޗްއާރުސީއެމުން ބުނީ، މި މައްސަލައާ ގުޅިގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ހެކިތަކާއި ގަރީނާތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އަދި ތަހުގީގު ފުރިހަމަކުރުމަށް ބޭނުންވާ އިތުރު ހެއްކާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި، މައުލޫމާތުތައް ވަރަށް އަވަހަށް ހޯދާ ނިންމާލެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އުމުރުން 25 އަހަރުގެ އެ މަންމަ ޓިކްޓޮކްގައި ހިއްސާކުރި އަސަރުގަދަ ވާހަކަތަކަކާ ގުޅިގެންނެވެ. އޭނާ ބުނި ގޮތުގައި މި މަހުގެ 5 ވަނަ ދުވަހު އިމަޖަންސީގައި ސިޒޭރިއަން ހަދައިގެން ލިބުނު ދަރިފުޅު، ހޮސްޕިޓަލުން ދޫކޮށްލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ އޭނާގެ ނުރުހުމުގައި ދައުލަތަށް ގެންގޮސްފައެވެ.
ކައިވެނިން ބޭރުން ލިބުނު މި ކުއްޖާގެ ފޫޅު ވެސް ނުވެއްޓެނީސް މަންމައާ ވަކިކުރިއިރު، ދަރިފުޅަށް ނަން ކިޔައި އާއިލީ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިފައި ނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާއިން ބުނީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމުގައި އަބަދުވެސް އަމަލުކުރަމުންދާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވީހިނދު، އެކަން ކުރިއަށް ގެންދާނީ ކުއްޖާގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެން ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން އެޗްއާރްސީއެމްއިން ބުނީ، ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނެ މީސްމީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާ މައްސަލަ އަމިއްލަ ފަރާތަކުން ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، ގިނަ ބަޔަކު ސުވާލު އުފައްދަނީ ދައުލަތުން ކުދިން ނަގާ މިންގަނޑުތަކާއި ގާނޫނުތަކާ މެދުގައެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން، މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރަންޖެހޭ ސައްހަ ސަބަބެއް ނޫނެވެ.
