ކުޑަކުދިންނަށް ފޭސްބުކް އަދި އިންސްޓަގްރާމް އެޑިކްޓްވާ ގޮތަށް ފަރުމާކޮށްފައިވާ ކަމަށް ބުނެ އެމެރިކާގައި އުފުލި ދައުވާއެއް ހައްލުކުރުމަށް، ގިނަވެގެން 16.68 ބިލިއަން ޑޮލަރު ދައްކަން މެޓާ ޕްލެޓްފޯމްސްއިން އެއްބަސްވެއްޖެއެވެ.
އެމެރިކާގެ 29 ސްޓޭޓަކުން ގުޅިގެން އުފުލި މި ދައުވާގެ ޝަރީއަތް ފެށީ އޮގަސްޓް 18 ގައެވެ. އަދި މި ޝަރީއަތް ހަ ހަފްތާއަށް ދެމިގެންދާނެ ކަމަށް ކުރިން އޮތީ ލަފާކޮށްފައެވެ. ނަމަވެސް، މައްސަލަ ހައްލުކުރުމަށް ވެވުނު އެއްބަސްވުމުގައި އެމެރިކާގެ ސްޓޭޓްތަކާއި ޓެރިޓަރީތައް ހިމެނޭ ގޮތަށް 52 އެޓާނީ ޖެނެރަލުން ވަނީ ސޮއިކުރައްވާފައެވެ.
މި މައްސަލަ ބައްލަވާ އެމެރިކާގެ ޑިސްޓްރިކްޓް ފަނޑިޔާރު އިވޯން ގޮންޒާލޭޒް ރޮޖާސް ވަނީ ޝަރީއަތް މެދުކަނޑާލުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި މި އެއްބަސްވުން ފާސްކުރަން ފަނޑިޔާރު ބޭނުންފުޅުވި ނަމަވެސް، އެކަމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން މުޅި އެމެރިކާގައި ފޭސްބުކް އަދި އިންސްޓަގްރާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މެޓާއިން ވަނީ ނިންމާފައެވެ. ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ރޮބް ބޮންޓާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، މެޓާގެ ޕްލެޓްފޯމްތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެންނާނެއެވެ. މީގެ ތެރޭގައި ވަގުތު ކަނޑައެޅުމާއި، ސްކޫލް ގަޑީގައި ނޮޓިފިކޭޝަންތައް ހުއްޓުވުމާއި، ރޭގަނޑުގެ ވަކި ގަޑިތަކެއްގައި އެޕް ބޭނުންނުކުރެވޭ ގޮތް ހެދުމުގެ އިތުރުން ޕްލާސްޓިކް ސާޖަރީ ފިލްޓަރުތައް މަނާކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިންނަށް ދުވާލަކު އެޕް ބޭނުންކުރެވޭނީ ދެ ގަޑިއިރަށް ކަމަށް ކަނޑައެޅުން ހިމެނެއެވެ. މި ލިމިޓް އުވާލެވޭނީ ހަމައެކަނި މައިންބަފައިންނަށެވެ. ބޮންޓާ ވިދާޅުވި ގޮތުގައި، އެހެން ސޯޝަލް މީޑިއާ ކުންފުނިތަކުން ވެސް މިފަދަ ގަވާއިދުތަކަކަށް އަމަލުކުރަން ފަށައިފިނަމަ، މި ވަގުތު އެއް ގަޑިއިރަށް ކުޑަކުރެވޭނެއެވެ.
މެޓާއިން ވެސް ވަނީ މިކަމަށް ތާއީދުކޮށްފައެވެ. މެޓާގެ ޗީފް ލީގަލް އޮފިސަރު ސީޖޭ މަހޯނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ފުރާވަރުގެ ކުދިން ގިނަ އެޕްތަކެއް ބޭނުންކުރާތީ މުޅި އިންޑަސްޓްރީއަށް އަމާޒުކޮށްގެން ހައްލެއް ހޯދަން ޖެހެއެވެ. އެހެންކަމުން ޓިކްޓޮކް އަދި ޔޫޓިއުބުން ވެސް މި އުސޫލުތައް ވަގުތުން ތަންފީޒުކުރުމަށް އޭނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން، 18 އަހަރުން ދަށުގެ ކުދިންނަށް ޕޯސްޓުތަކަށް ލިބޭ ލައިކް އަދި ރިއެކްޝަންގެ އަދަދު ނުފެންނަ ގޮތް ހެދުމަށާއި، ކޮސްމެޓިކް ޕްރޮސީޖާތަކާ ގުޅޭ ފިލްޓަރުތައް ނަގަން މެޓާއިން ވަނީ ނިންމާފައެވެ. އަދި އެލްގޮރިދަމްގެ މައްޗަށް ބިނާނުވާ ފީޑެއް ބޭނުންކުރުމުގެ އިހުތިޔާރު ފުރާވަރުގެ ކުދިންނަށް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ކެލިފޯނިއާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، 13 އަހަރުން ދަށުގެ ކުދިންގެ އެކައުންޓުތައް ދެނެގަނެ، އެ އެކައުންޓުތައް ފުހެލުމަށް ވެސް މާކް ޒަކަބާގްގެ ކުންފުނިން ވަނީ އެއްބަސްވެފައެވެ.
މި ނިންމުމާ ގުޅިގެން ކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މަރުހަބާ ކިޔާފައެވެ. ނޭޝަނަލް ޕޭރެންޓްސް ޔޫނިއަންއިން އަލްޖަޒީރާއަށް ދިން ބަޔާނެއްގައި ބުނެފައިވަނީ، ހަގީގީ ބަދަލެއް ގެނެވި، ގެއްލުންވުމުގެ ކުރިން އެކަން ހުއްޓުވޭނީ ފިޔަވަޅު އެޅިގެން ކަމަށެވެ. ނަމަވެސް، ކޯޓުގެ ހުއްދަ އަދިވެސް ބޭނުންވާ މި އެއްބަސްވުމުގައި މެޓާއިން ވަނީ އެ ކުންފުނިން އެއްވެސް ގޯހެއް ހަދާފައިނުވާނެ ކަމަށް ބުނެފައެވެ.
މި މައްސަލައިގައި މެޓާއަށް 1.4 ޓްރިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އައުމުގެ ފުރުސަތު އޮތްއިރު، ދައުވާކުރި ފަރާތްތަކުން މަސައްކަތްކުރީ 200 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ޖޫރިމަނާއެއް ހޯދުމަށެވެ. މެޓާއިން މި ފައިސާ ދައްކާނީ 10 އަހަރު ދުވަހަށް ބަހާލައިގެންނެވެ. އަދި ހަމައެކަނި ގާނޫނީ ފީގެ ގޮތުގައި ވެސް އެ ކުންފުންޏަށް 10 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އެއްބަސްވުމަށް އައިސްފައިވަނީ ނިއު މެކްސިކޯގައި ކުރިއަށްދިޔަ މިފަދަ އެހެން މައްސަލައަކުން މެޓާ ބަލިވެފައިވަނިކޮށެވެ. އެ މައްސަލައިގައި މާޗު މަހު 375 މިލިއަން ޑޮލަރު އަދި އޮގަސްޓު މަހު 567 މިލިއަން ޑޮލަރު ދައްކަން ޖޫރީން ވަނީ އަމުރުކޮށްފައެވެ. މި ހަބަރާއެކު ވޯލް ސްޓްރީޓްގައި މެޓާގެ ހިއްސާގެ އަގު ފުރަތަމަ ދަށަށް ދިޔަ ނަމަވެސް، ފަހުން ވަނީ 2.2 ޕަސެންޓް މައްޗަށް ގޮސްފައެވެ.
