ކައުންސިލަރުންނަށް ހާއްސަކޮށް ހަތީބުކަމުގެ ކޯސްތަކެއް ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ކޯސްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަތޮޅުތަކުގައި ހުތުބާ ކިއުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ހައްލުކުރުމުގެ މަގުސަދުގައި ކަމަށެވެ.

ކައުންސިލަރުންގެ ތެރޭގައި މިކަމަށް ޝައުގުހުރި ފަރާތްތަކަށް، ހަތީބުކަމުގެ 3 މަސް ދުވަހުގެ ކޯހެއް ގުރުއާން މަރުކަޒު މެދުވެރިކޮށް ގެންދަން ނިންމާފައިވާކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. މީގެ ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ މި ކޯހުގައި ހަތީބު ކަމަށް ބޭނުންވާ ފިގުހު، ގުރުއާން، އަގީދާ، ހަދީސް ކިޔަވައިދޭނެ ކަމަށެވެ. ގުރުއާން ފިޔަވައި އެހެން މާއްދާތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ގުރުއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެެ އައިސްގެން ނުވަތަ އަތޮޅުތަކުގައި ގުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށްކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. އަދި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ފުންނާބު އުސް އިލްމުވެރިން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ އަންނަ ޖޫން މަހުގެ ޕްރޮގްރާމަށް ހުޅުވައިލާނެ ކަމަށެވެ.