ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުން ދިރާސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފިއެވެ.
އާންމުކޮށް ހުޅުވާލައިގެން ފުރަތަމަ ކޮޅު ގެންދިޔަ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ، ޖޭއެސްސީން ނިންމި ނިންމުމުގައި އިޖުރާއީ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައިފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ހައްޔަރުކުރީ ބަރަހަނާ ހާލުގައި ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި އޮތް ނަމަވެސް، އެއީ ފުލުހުން ތަހުގީގާއި ބަންދު މަޖިލީހުގައި ބުނެފައިވާ ގޮތެއް ނޫނެވެ.
ނާޒިލް މި ކަންކަން ފާހަގަކުރައްވަމުން ގެންދަވާތީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ، މި މައްސަލައިގައި ޒާތީ ބައެއް މައުލޫމާތުތައް ހިމެނޭތީ ކޮމިޓީ ބައްދަލުވުމުގެ ބާކީ އޮތް ބައި ސިއްރުކުރުމަށެވެ. ޝާހިދުގެ އެ ހުށަހެޅުއްވުމަށް ފަހު ކޮމިޓީގެ ބައްދަލުވުން ކޮންމެވެސް ވަރަކަށް ހޫނުވެގެން ދިޔައެވެ.
މި ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް އެހުމުން، ކޮމިޓީގައި ތިއްބެވި މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ނިންމެވީ ބައްދަލުވުމުގެ ބާކީ ބައި ސިއްރުކުރުމަށެވެ. ކޮމިޓީ ސިއްރުކުރުމާ މެދު ވަކި ގޮތަކަށް ނުނިންމެވީ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ.
ކޮމިޓީ ސިއްރުކުރަން ހުށަހަޅައި މެންބަރުން ގޮތް ނިންމެވި ވަގުތު، ނާޒިލްގެ އިތުރުން ކޮމިޓީގައި އިންނެވި ކެންދޫ ދާއިރާގެ މެންބަަރު މައުރޫފް ޒާކިރު ވަނީ ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވުމަށް އެދި ދެ ފަނޑިޔާރުން ވެސް އެދިވަޑައިގެންފައިވެއެވެ. އަދި ބާ ކައުންސިލުން ވެސް ޖޭއެސްސީގެ ނިންމުން ރަނގަޅުތޯ ބެލުމަށް އެދިފައިވާ ކަން ވެސް ފާހަގަކުރެވެއެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ.
ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.